މި އަހަރުގެ ފެބުރުވަރީގައި މީރާއަށް 1.72 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާ އިން މައުލޫމާތުދޭގޮތުގައި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %18.6 އިތުރު އަދަދެކެވެ. ނަމަވެސް، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %20.8 ދަށް އަދަދެކެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރުގެ މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި އެއަރޕޯޓް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

އޭގެ އިތުރުން، 2022 އާއި އަޅައިބަލާއިރު، ޖަނަވަރީ 2023 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 30.9% އިތުރުވެފައިވުމާއި، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ ރޭޓް ބޮޑުވުވުމަކީ ފެބްރުވަރީ މަހު ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ލިބުނު އާމްދަނީއާ އަޅާކިޔާއިރު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށްވެސް ބުނެފައި ވެއެވެ.

މި އަހަރު މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފެބްރުވަރީ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ ދަށްވުމެވެ.

މިއަހަރު ޖީއެސްޓީގެ ރޭޓަށް އައި ބަދަލާއެކު، ޖަނަވަރީ މަހު އައިސްފައިވާ ޓޫރިސްޓުންނާ ގުޅޭ ޖީއެސްޓީގެ ތެރެއިން ކޮންމެވެސް މިންވަރެއް، ޓައިމް އޮފް ސަޕްލައިގެ އުސޫލުގެ ތެރެއިން، ޖަނަވަރީ މަހުގައި ލިބިފައިވާތީ، ފެބްރުވަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ ލިބުނު ޖީއެސްޓީ މަދުވުން ކަމަށް މީރާއިން ބުނެއެވެ.

ޖީއެސްޓީގެ ގޮތުގައި ޖަނަވަރީ 2023 ގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ވަރަށްވުރެން 73 އިންސައްތަ އިތުރަށް ވަނީ ލިބިފައެވެ. މި އަހަރުގެ ފެބުރުވަރީގެ ނިޔަލަށް ޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެން ފެބުރުވަރީގެ ނިޔަލަށް ލިބިފައިވާ ޖީއެސްޓީގެ އަދަދު އިތުރުކަމަށްވެސް މީރާއިން ބުނެއެވެ.

މި އަހަރުގެ ފެބުރުވަރީގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 182.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 91.87 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި81.87 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 78.84 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 98.55 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ފެބުރުވަރީގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 73.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.