އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" އިން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރާ "ކްރޮޕް ތަކާފުލް" ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.

ދަނޑުވެރިންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ހިދުމަތް މިހާރު ވަނީ ތައާރަފް ކޮށްފައެވެ.

އަޔާދީއިން މައުލޫމާތުދޭގޮތުގައި "ކްރޮޕް ތަކާފުލް" އަކީ ދަނޑުވެރިންގެ އާމްދަނީއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮޑަކްޓެކެވެ.

އެގޮތުން އޮންލައިންކޮށް ވަގުތުން ނެގޭ މިހިދުމަތުގައި ރަޖިސްޓްރީވުމަށް އެއްވެސް ލިޔެކިޔުމެއް ބޭނުން ނުވާ އިރު، މިވަގުތު މިހިދުމަތުގެ ކަވަރޭޖު ހަމަޖެހިފައިވަނީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދަނޑުތަކަށް ލިބިދާނެ ގެއްލުންތަކަށް ބަދަލު ހޯދާ ދިނުމަށެވެ.

އެހެންކަމުން "ކްރޮޕް ތަކާފުލް" ނަގާފައިވާ ދަނޑުވެރިޔަކަށް، ޕްލޭންގެ މުއްދަތުގައި މިފަދަ ގެއްލުމަކާއި ކުރިމަތިވެއްޖެނަމަ، ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓަކާއި އެކު ފޮޓޯ ހުށައެޅުމުން ބަދަލު ހަމަޖެހިގެންދާނެއެވެ.

ބަދަލުގެ ގޮތުގައި ކަނޑައެޅިފައިވަނީ ދަނޑު ހެއްދުމަށް ކޮށްފައިވާ ހަރަދުތަކާއި އެއިން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިދާވެސް ހިމެނޭ ގޮތަށެވެ.

މިހާރުވެސް ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާ،ބާރުވެރިވެރިކޮށްދޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އެލައިޑް އިންޝުއަރަންސްއިން އުއްމީދުކުރާ ގޮތުގައި "ކްރޮޕް ތަކާފުލް"އަކީ ވެސް ދަނޑުވެރިންނަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަމްދަނީއަށް ކުރާ އަސަރު ކުޑަކޮށް ކޮލިޓީ އޮފް ލައިފް އިތުރު ކޮށްދޭން ހިދުމަތަކަށް ވެގެންދާނެއެވެ.

އެގޮތުން "މައި އެލައިޑް" މެދުވެރިކޮށް ވަގުތުން، ފަސޭހައިން ނެގޭ މިހިދުމަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ކުރުމަށް އެލައިޑް އިން އިރުޝާދު ދެއެވެ. އަދި މިކަމަށް ހިނގާނެ ހަރަދު ބަލާލަން ބޭނުންވެއްޖެ ހާލަތެއްގައި މައި އެލައިޑް މެދުވެރިކޮށް އަގު ބަލާލެވޭނެ ކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ.

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އާސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ