ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކާ އެއްގޮތަށް އަމަލު ކުރާ މިންވަރު އިތުރު ކުރުމުގެ ގޮތުން، ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑިއަށް ބަޔާން ހުށަހަޅާ ނިސްބަތް (އޮންޓައިމް ފައިލިންގ ރޭޓް) އިތުރު ކުރުމުގެ ހާއްސަ ކެމްޕޭނެއް "ކެމްޕޭން ފަންސައާހި" ގެ ނަމުގައި މީރާއިން ފަށައިފިއެވެ.

ކެމްޕޭން ފަންސައާހިގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހެޅުން އިތުރުކުރުމެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި އަދަބު ގެ ތެރެއިން ޓެކްސް ބަޔާން ސުންގަޑިއަށް ހުށަނޭޅުމަކީ ކުށެކެވެ. އެހެންކަމުން ޓެކްސްދައްކާ ފަރާތްތަކުން ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށް މީރާއިން އިލްތިމާސް ކުރެއެވެ.

މީރާއިން މި ފެށި ހާއްސަ ކެމްޕޭނުގެ ދަށުން، ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅާ ނިސްބަތް އިތުރުކުރުމުގެ ގޮތުން ޓެކްސް ބަޔާން ވަގުތަށް ހުށަހެޅުމަށް ބާރުއެޅުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާނެއެވެ. އަދި ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ހުއްޓާލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެކަން ކުރެވޭނެ އިންތިޒާމުވެސް މި ކެމްޕޭންގެ ދަށުން ފަހިކޮށްދޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީރާ އިން ބުނީ، މިގޮތުން، އިނެކްޓިވް ޓެކްސްޕޭޔަރުންގެ ގޮތުގައި މީރާއަށް ފާހަގަވެފައިވާ ފަރާތްތަކަށް މީރާއިން އީމޭލް މެދުވެރިކޮށް ރަޖިސްޓަރީން އުނިކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި އަދި މި ކެމްޕޭންގެ ދަށުން ރަޖިސްޓަރީން އުނިވުމަށް އެދޭ ފަރާތްތަކަށް ޓެކުހާ ގުޅޭ ޖޫރިމަނާ މާފުކޮށްދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ.