މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަނާ ގާތްކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 483,624 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރު މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 394,204 ފަތުވެރިންނެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް އެއް ލައްކަ ފަތުރުވެރިންގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް ދުވާލަކު އެވްރެޖްކޮށް 5,898 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިއަހަރު ފެބްރުއަރީ މަހު ރާއްޖެ އައިސްފައިވަނީ 177،914 ފަތުރުވެރިންނެވެ.

މިއަހަރު މިހާތަނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރަޝިޔާ އިންނެވެ. އެގައުމުން 59,987 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާއިންނެވެ. އެއީ 52,276 ފަތުރުވެރިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިނގިރޭސިވިލާތުން ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 44,839 އަށް އަރައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު އަހަރު ނިމޭއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެމިލިއަން ހުރަސް ކުރުން ވެސް އެކަށީގެންވެއެވެ.