މިދިޔަ އޭޕްރީލް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.

ކަސްޓަމްސްއިން ބުނީ ފާއިތުވި އޭޕްރިލް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު 2022 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު ހަތަރު އިންސައްތަ ދަށްވެފައިވާ ކަމަށެވެ.

އަދި މިދިޔަ އަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި އަދަދުވަނީ 4.5 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

އޭގެ އިތުރުން، ފާއިތުވި އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 16 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު 361 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު ދައުލަތަށް އާންމަދީގެ ގޮތުގައި ލިބިފައިވަނީ 305 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޯއެވެ. އިންޑިއާ 757 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 707 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

އޭގެއިތުރުން ޔޫއޭއީ އިން 573 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޗައިނާ އިން 520 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯ އިން 467 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    އަހަންނައްހީވާގޮތުން މިހިސާބުތައް ހަދާފައިމިހިރީ އިންޑިއާއިން އެތެރެކުރި މަސްތުވާތަކެތި (ޑުރަގް)ނުހިމަނައި އެހެންނޫންނަމަ މިއަށްވުރެ މަތީގައުޅޭނީ

  2. ޝާނާ

    ދައުލަތަށް އެއްޗެއް ލިބެންޖެހޭތަ. ހުރިހާއެއްޗެއްވެސް ލިބެންޖެހެނީ ވަކި ބަޔެއްގެ ޖީބަށެއްނުން.

  3. ޖާބެ

    ޖީ.ޑީ.ޕީ މައްޗައްގޮސް ރައްޔިތުންް މުއްސަދިވެއްޖެ ދޮގުޙަބަރުނުޖަހާ މިހާރު ކޮންމެ ދިވެއްސަކައް ގެދޮރުހުއްނާނެ ވަޒީފާ ހުންނާ ފައިސާ ހުންނާ އިބޫ އަކީ ދިވެހިންގެ ރިއެކްޓްނުކުރާ ހިނުލާ މޫނައް ރުލެެެއް އަރުވާނުލާ ދިވެހިންގެ ރައީސް