މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،124،932 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 1،124،932 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރު މި މުއްދަތަކާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 988،391 ފަތުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް ދުވާލަކު އެވްރޭޖްކޮށް 5090 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިއަހަރު ޖުލައި މަހު ރާއްޖެ އައިސްފައިވަނީ 145،629 ފަތުރުވެރިންނެވެ. އަދި މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 49،696 ފަތުރުވެރިންނެވެ.

މިއަހަރު މިހާތަނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރަޝިޔާ އިންނެވެ. އެގައުމުން 133،320 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާއިންނެވެ. އެއީ 125،410 ފަތުރުވެރިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޗައިނާއިން ރާއްޖެ އަށް 102،319 ފަތުރުވެރިން އައިސްފައި ވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު އަހަރު ނިމޭއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެމިލިއަން ހުރަސް ކުރުން ވެސް އެކަށީގެންވެއެވެ.