އިންޝުއަރެންސް ދާއިރާ ހަރުދަނާ ކުރުމަށް ޔޫއެންޑީޕީ އާއި މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން މޯލްޑިވްސް އިންޝުއަރެންސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މި މަޝްރޫއުގައި އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަ ޖެހިފައިވަނީ އިންޝުއަރެންސް ނިޒާމު ހިންގާ ގަވާއިދުތަކާއި އޮނިގަނޑުތަކަށެވެ. އަދި ރާއްޖޭގައި "ގްރީން، ބްލޫ އަދި ކްލައިމެޓް އިންޝުއަރެންސް"ގެ ހިދުމަތް ތައާރަފު ކުރުމަށްކަމަށް ކަމަށެވެ..

މި ޕްރޮޖެކްޓަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތި ވެދާނެ ގެއްލުންތަކަށް ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ގާބިލްކޮށް، އެ ސިނާއަތު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އިންޝުއަރެންސް ދާއިރާގެ ގާބިލުކަން އިތުރުކުރާނެއެވެ. އަދި އިންޝުއަރެންސް ހިދުމަތްތަކުގެ ދެމެހެއްޓެނިވިކަން އިތުރުކޮށް އަދި ގަވާއިދުތައް ހަރުދަނާ ކުރާނެއެވެ.

މި އަހަރުގެ ޖެނުއަރީ މަހު ހެދުނު އިންޝުއަރެންސް ސެކްޓާ ޑައިގްނޯސްޓިކް ސްޓަޑީގެ ހޯދުންތަކަށް ބިނާކޮށް މި ޕްރޮޖެކްޓް އެކުލެވިފައިވާ ކަަމަށްވެސް ބުނެފައިވެއެވެ.

ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެންރީކޯ އެންޖެލިކާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ބޮޑުވަމުންދާ އިރު، ރާއްޖެއަކީ އެ ކަމުގެ ގެއްލުންތައް ވަރަށް ބޮޑަށް ލިބޭނެ ނާޒުކު ފައްތަރެއްގައި އޮތް ގައުމެއް ކަމަށެވެ.

"ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުން ވަރަށް މުހިއްމު. އަދި މޫސުމައް އަންނަ ބަދަލުގެ އިގްތިޞާދީ އަގު ދަނީ ހީނުކުރެވޭ ވަރަށް ބޮޑުވަމުން؛ އިންޝުއަރެންސަކީ ނާޒުކު މުޖުތަމައުތަކާއި އިންވެސްޓްމެންޓްތައް ރައްކާތެރިކުރަން ބޭނުންކުރެވޭނެ ވަރަށް މުހިންމު ވަސީލަތެއް.".

އެމްއެމްއޭގެ ގަވަނާ އަލީ ހާޝިމް ވިދާޅުވީ މި އެއްބަސްވުމުގެ ތެރެއިން ރާއްޖޭގެ އިންޝުއަރެންސް ސިނާއަތަށް ރަނގަޅު، ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށެވެ.