އައްޑޫ ސިޓީގެ ފަޅުތެރެއިން ފަތުރުވެރިކަމަށް ހިއްކި ރަށްތަކަށް ނަންދީފިއެވެ.

ފަތުރުވެެރިކަމަށް ހާއްސަކޮށްގެން އައްޑޫ ފަޅުން ހިއްކާފައިވަނީ ތިން ރަށެވެ. އޭގެ ތެރެއިން ދެ ރަށް ހިއްކާފައިވަނީ ހިތަދޫ ފަޅުންނެވެ. އަދި މީދު ފަޅުން ވަނީ ރަށެއް ހިއްކާފައެވެ.

އެ ރަށްތަކަށް ކިޔާނެ ނަމެއް ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގައެވެ. އެ ކައުންސިލުން ވަނީ މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ރަށްތަކަށް ކިޔާނެ ނަންތައް ފާސްކޮށްފައެވެ.

އެގޮތުން މީދޫ ފަޅުން ހިއްކާފައިވާ ރަށް ކިޔުމަށް ފާސްކުރީ “ދޮން ހެރަ” އެވެ. ހިތަދޫ ފަޅުން ހިއްކި އެއް ރަށަށް “ ބޮލިހެރަ” އަދި އަނެއް ރަށަށް “ ދޮންދީހެރަ” ކިޔުމަށް މިއަދު ވަނީ ފާސްކޮށްފައެވެ.

މިއަދު އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރަށްތަކަށް ކިޔާނެ ނަމެއް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 60 މީހަކު ނަން ހުށަހަޅާފައިވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ ރަށްރަށަށް ނަން ކިޔުމަށް ހޮވީ، ރައްޔިތުން ހުށަހެޅި ނަންތަކުން ކަމަށެވެ. އަދި ނަންތައް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ރީތި ނަންތަކެއް!

  2. މުއިއްޒު 2023

    2018 ގަ 8000 އެނދު ހަދާނަމޭ ކިޔާފަ 5 އަހަރުފަހުން 3 ފަސްކޮޅު ހިއްކާލެވުނީ. މިކަންވެސް ވާނީ މުއިއްޒަށް