އިންޑިއަން އޯޝަން އައިލަންޑް ގޭމްސް (އައިއޯއައިޖީ) 2023ގައި ރާއްޖެއިން ބައިވެރިވި ޓީމްތައް ހޯދި ފަޚުރުވެރި ކާމިޔާބީ ދިރާގުން ފާހަގަކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިން ވަނީ އައިއޯއައިޖީ 2023ގައި ރާއްޖެއަށް މެޑަލް ހޯދައިދިން ހުރިހާ އެތްލީޓުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރުންނާއި އެކި ކުޅުވަރު އެސޯޝިއަންތަކުގެ މަންދޫބުންނަށް ރަތް ދޫލައިގެ މަރުޚަބާއެއް ކިޔާފައެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖޭއިން ވަނީ ޖުމްލަ 28 މެޑަލް ހޯދާފައެވެ. އެއީ 5 ރަން މެޑަލް، 9 ރިހި މެޑަލް އަދި 14 ލޯ މެޑަލްއެވެ. މެޑަލް ލިބުނު ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ، އެތުލެޓިކްސް، ޕަރަ އެތުލެޓިކްސް އަދި ޓައިކްވޮންޑޯއެވެ. ދިރާގުން ބޭއްވި މި ރަސްމިއްޔާތުގައި ދިރާގުން ވަނީ އައިއޯއައިޖީގައި މެޑަލް ހޯދި 48 މެޑަލިސްޓުންނަށް ޚާއްސަ އިނާމެއް ހަދިޔާކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދުއަބްދުއްސައްތާރު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން ކުރަމުންދާ މަސައްކަތަށްޝުކުރު އަދާކުރައްވާފައެވެ. އަދި މިކާމިޔާބީ ހާސިލްކުރުމަށްޓަކައި އެތުލީޓުން ކެނޑިނޭޅި ކުރި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ކުރިއަށް އޮތްތަނުގައި ވެސް މިއަށްވުރެ ރަނގަޅުނަތީޖާއެއް ހާސިލްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާއިލް ރަޝީދު ވަނީ އައިއޯއައިޖީ2023ގައި އެތުލީޓުން ހޯދި މޮޅު ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ގިނަ ޖަމިއްޔާތަކާއެކު ދިރާގުން ޤާއިމްކޮށްފައިވާ ޑިޖިޓަލް އަދިޑިވެލޮޕްމަންޓް ޕާރޓްނަރޝިޕް ފާހަގަކޮށް، ރާއްޖޭގެ ކުޅިވަރު ދާއިރާއާއި އެތުލީޓުން ކުރިއެރުވުމަށް އެހީތެރިވުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތުކަމަށްވެސް އިސްމާއިލް ވަނީ އަލިއަޅުއްވާލާފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދިވެހި ޒުވާނުން އިތުރަށް ކުރިއަރުވާ ކަންކަމަށް އެއްބާރުލުންދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފު

    ދިރާގުން އައިއޯއައިޖީ 2023ގައި ރާއްޖޭއަށް ލިބުނު ތާރީހީ ކާމިޔާބާ ފާހަގަކޮށްފި ؟؟؟؟؟

    ޜަަނގަޅުގޮތަކީ: އައިއޯއައިޖީ2023 ގައި ރާއްޖޭއަށް ލިބުނު ތާރީހީ ކާމިޔާބީ ދިރާގުން ފާހަގަކޮއްފި.