މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޓީމްތަކުން ވިޔަފާރިކުރާ ތަންތަނަށް މިއަދު ޒިޔާރަތްކުރަން ފަށައިފިއެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ "ކޮމްޕްލަޔަންސް ޑޭ" ގެ ހަރަކާތުގައި މާލެ އާއި ރަށްރަށުގެ ވިޔަފާރިތަކަށް މީރާގެ ޓީމުތަކުން ދަނީ ޒިޔާރަތް ކުރަމުންނެވެ.

މީރާއިން ފާހަގަ ކުރަމުން އަންނަ "ފަންސައާހި" ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތުގައި ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑި އަށް ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެއެވެ.

ކަނޑައެޅިފައިވާ ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަކީ ފައިސާ ދައްކާ ފަރާތުގެ "ކޮމްޕްލަޔަންސް ސްކޯ" ރަނގަޅުވާ ކަމެއް ކަމަށް މީރާއިން ބުނެއެވެ. އެގޮތުން ސުންގަޑިއަށް ޓެކްސް ބަޔާނާއި ފައިސާ ދައްކާ ފަރާތްތައް މީރާއިން ފާހަގަކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ލުއިތަކުގައި އެ ފަރާތަކަށް އިސްކަން ދޭނެއެވެ.

މީރާއިން ވަނީ ހުރިހާ ވިޔަފާރިތަކުންވެސް ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން މީރާގެ ޓީމްތައް ވިޔަފާރިތަކަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ.

ކެމްޕޭން ފަންސައާހިގެ މަގުސަދަކީ މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ސުންގަޑިއަށް ހުށަހެޅުން އިތުރުކުރުމެވެ.

"ފަންސައާހި" ކެމްޕޭނުގެ ދަށުން، ޓެކްސް ބަޔާން ވަގުތަށް ހުށަހެޅުމަށް ބާރުއެޅުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާނެއެވެ. އަދި ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވިޔަފާރި ހުއްޓާލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އެކަން ކުރެވޭނެ އިންތިޒާމުވެސް މި ކެމްޕޭންގެ ދަށުން ފަހިކޮށްދޭނެ ކަމަށް މީރާއިން ހާމަކޮށްފައިވެއެވެ.

މިގޮތުން، އިނެކްޓިވް ޓެކްސްޕޭޔަރުންގެ ގޮތުގައި މީރާއަށް ފާހަގަވެފައިވާ ފަރާތްތަކަށް މީރާއިން އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީން އުނިކުރުމުގެ ފުރުސަތު ދޭނެއެވެ. އަދި މި ކެމްޕޭންގެ ދަށުން ރަޖިސްޓަރީން އުނިވުމަށް އެދޭ ފަރާތްތަކަށް ޓެކުހާ ގުޅޭ ޖޫރިމަނާ މާފުކޮށްދިނުމަށްވެސް ނިންމާފައިވާކަމުގައި މީރާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ÷ޕ

    ފިރުޢަނު ބައިގަނޑު މުސްލިމުން އަތުން ޓެކްސް ނަގަނީ

  2. ސޭޓް

    އަންނައިރު މީރާ ގޮވާގެން އަންނާތި

  3. ދުންމާރި

    މީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ގަދަކަމުން ޓެކްސް ނެގުމަކީ އިސްލާމްދީން ދަންނަ ކަމެއްނޫން މުދަލުގެ ޒަކާތް ގަދަކަމުންވެސް ނެގޭނީ މިޤައުމުގަ އިސްލާމްދީނާ ދެކޮޅު ކަންތައްތައް ތައާރަފުކޮށްގެން މުޅިޤައުމު ހަލާޚުވެގެން މިދަނީ

  4. ހުސެން

    އިތުރު ގަޑި ހަމަ ކުރަން ކުރާކަމެކޯ ބަންދު ދުވަސް ތަކުގަ ނިކުންނަނީ