ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި މޯލްޑިވިއަންއިން ގާއިމްކޮށްފައިވާ ފިއުލް ފާމް ހުޅުވައި، ބޭނުންކުރަން ފަށައިފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އެ ފިއުލް ފާމް ހުޅުވާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މިއީ އެ ކުންފުނީގެ ފުރަތަމަ ފިއުލް ފާމެވެ.

މޯލްޑިވިއަންގެ ފިއުލް ފާމް ހުޅުވުމުގެ ތެރެއިން -- ފޮޓޯ: މޯލްޑިވިއަން

އެ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އާއި ފިއުލް ފާމް ޕްރޮޖެކްޓަށް ފައިނޭންސް ކުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދުރީސް ކުމްރީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޯލްޑިވިއަންއިން ބުނީ އެ ފިއުލް ފާމްގައި 400،000 ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭނެ ކަމަށެވެ. މަތިންދާބޯޓަށް ތެޔޮ އެޅުމަށް ބޭނުންކުރާ އެއް ބައުޒަރުގެ ކެޕޭސިޓީގައި 35،000 ލީޓަރު ހުންނާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ދެވަނަ ބައުޒަރުގެ ކެޕޭސިޓީގައި 20،000 ލިޓަރު ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މޯލްޑިވިއަން އިން ބުނީ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުންވާ ވަސީލަތްތައް ހުންނާނެ ކަމަށާއި ފިއުލް ފާމް ހިންގާނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އަދި އެ ފިއުލް ފާމްއިން އެއް ފަހަރާ ގިނަ މަތިންދާ ބޯޓުތަކަށް ތެޔޮ އެޅޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވިއަންގެ ފިއުލް ފާމް ހުޅުވުމުގެ ތެރެއިން -- ފޮޓޯ: މޯލްޑިވިއަން

މި ފިއުލް ފާމާއެކު މާފަރު އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކަށް ފަސޭހަވެގެންދާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. އަދި ތެލަށް އެ އެއާލައިންތަކުން ހޭދަކުރާ ވަރު ކުޑަވެގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު