އިނގިރޭސިވިލާތުގެ މަހުޖަނު ރިޗަޑް ބްރެންސަންގެ މަޝްހޫރު އެއާލައިން، "ވާޖިން އެޓްލާންޓިކް" ގެ ދަތުރުތައް ރާއްޖެ މިއަދު ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ވާޖިން އެޓްލާންޓިކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ލަންޑަންގެ ހީތުރޫ އެއާޕޯޓާ ދެމެދުގައި ހަފްތާއަކު ތިން ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓް ވީއައިއޭގައި ޖެއްސީ މިއަދު ހެނދުނު 7:40 ގަ އެވެ. ވާޖިން އެޓްލާންޓިކުން ބޯއިން 787 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން ދަތުރު ކުރާ އިރު، މިއީ 200 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ މަތިންދާ ބޯޓެކެވެ.

ވާޖިން އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުން. --- ފޮޓޯ: އެމްއޭސީއެލް

އެ އެއާލައިނުން ރާއްޖެ އަށް ދަތުރު ކުރާ ބޯޓުގައި އަޕާ ކްލާސްގެ 31 ސީޓާއި ޕްރީމިއަމް ކްލާސްގެ 35 ސީޓާއި އިކޮނޮމީ ކްލާސްގެ 192 ސީޓު ހުރެއެވެ. ވާޖިން އެޓްލާޓިކްގެ އަޕާ ކްލާސްގައި ދަތުރު ކުރާ ފަރާތްތަކަށް އޮށޯވެ އޮތުމަށް އެނދެއް ލިބޭ އިރު، އޮންބޯޑް ބާއެއްގެ އިތުރުން އިށީނުމަށް ލަގްޒަރީ ގޮނޑި ވެސް ލިބޭނެއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހްޖޫބް ޝުޖާއު ވިދާޅުވީ ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެ އަށް ފެއްޓުމާ ގުޅިގެން އެއާލައިނަށް މަރުހަބާ ދަންނަވާ ކަމަށެވެ. މިއީ ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވާޖިން އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުން. --- ފޮޓޯ: އެމްއޭސީއެލް

މަހްޖޫބް ޝުޖާއު ވަނީ ވާޖިން އެޓްލާންޓިކާ ގުޅިގެން ކުރިއަށް ދިއުމަށް އެމްއޭސީއެލް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

ބްރިޓިޝް ހައި ކޮމިޝަނާ ކެރޯން ރޮސްލާ ވިދާޅުވީ، ރާއްޖެއާ އެ ގައުމާ ދެމެދު ސީދާ ދަތުރުކުރާ އެއާލައިނުތައް އިތުރު ކުރުމަކީ، ދަތުރު ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ބްރިޓިސް އެއާވެސް އިން ގެންދަނީ ރާއްޖެއަށް ސީދާ ދަތުރުތަކެއް ކުރަމުންނެވެ. އިނގިރޭސިވިލާތަކީ ރާއްޖެ އަށް ހަތަރު ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 117،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.