ޑިމާންޑު އިތުރުވާ ވަރަކަށް މޯލްޑިވިއަނުން އިންޑިއާގެ ބެންގަލޫރަށް ކުރާ ދަތުރުތައް އިތުރުކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ބައިނަލްއަގުވާމީ މަންޒިލްތަކަށް ކުރަމުން އަންނަ ދަތުރުތައް ފުޅާ ކުރުމަށް ފެށި މަސައްކަތުގެ ދަށުން މޯލްޑިވިއަނުން ހޯމަ ދުވަހު ވަނީ ބެންގަލޫރަށް ދަތުރު ފަށައިފައެވެ.

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢާއިޝަތު ޖެނިފާ "ވަގުތު"އަށް ވިދާޅުވީ، އިންޑިޔާއަކީ ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ ގައުމެއް ކަމަށާއި ހާއްސަކޮށް ބެންގަލޫރަކީ ދިވެހިން ވަރަށް ގިނަ ބޭނުންތަކަށް ދަތުރުކުރާ މަންޒިލެއް ކަމަށެވެ. އެހެންކަމުން މިހާރުވެސް ޑިމާންޑު އެބައޮތް ކަމަށާއި ޑިމަންޑުތައް އިތުރުވާ ވަރަކަށް ދަތުރުވެސް އިތުރުވެގެންދާނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ..

އަދި ހަމައެއާއެކު މިހާރު ހަފްތާއަކު ދެ ދުވަހު ބެންގަލޫރަށް ދަތުރުކުރަން ނިންމާފައިވީ ނަމަވެސް ޑިމާންޑުތައް ވަރަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

އައިލޭންޑް އޭވިއޭޝަނުން ބުނި ގޮތުގައި ބެންގަލޫރުގެ ދެކޮޅު ޓިކެޓު ފަށާ އަގަކީ 231 ޑޮލަރެވެ. އެހެންނަމަވެސް ތަފާތު އެކި ފެއާތަކާއި ގުޅިގެން މި އަގަށް ބަދަލު އަންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މޯލްޑިވިއަނުން އަލަށް ދަތުރުތައް ފެށި ބެންގަލޫރަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާގެ އިތުރުން އެހެނިހެން ކަންކަމަށް ގޮސްއުޅޭ ތަނެކެވެ.

އެހެންކަމުން މި އަލަށް ފެށި މި ދަތުރާއި އެކީ އެފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ބެންގަލޫރުގެ ދަތުުރުތައް މޯލްޑިވިއަނުން ފަށާފައިވާއިރު، މޯލްޑިވިއަނުން މިހާރު ވެސް އަންނަނީ އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންއަށް ދަތުރުތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު