ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ މީހުންނަށް ޓާމިނަލް ކައިރިން ޓެކްސީ ނެގޭނެ ގޮތް ކައިރި މުސްތަގުބަލެއްގައި ހަދާދޭނެ ކަަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ވެލާނާ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވާ ދެއްވަމުން ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ މީހުންނަށް ޓާމިނަލް ކައިރިން ޓެކްސީ ނެގޭނެ ގޮތް ކައިރި މުސްތަގުބަލެއްގައި ހަދައި ދެއްވާނެ ކަަމަށެވެ

ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވީ އެންމެ ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ޑޮމެސްޓިކް ޓާމިނަލް މަގު ހަދާ ނިމުމުން ޑޮމެސްޓިކް އެއާޕޯޓާއި ހަމައަށް ޓެކްސީ ޑްރޮޕް އޮފް ކުރުމުގެ އިތުރުން އެ ސަރަހައްދުން ޓެކްސީ ނެގޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

ޓެކްސީތަކަށް ވެލާނާ އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދެވޭ ގޮތް ހެދުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެރައިވަލް މީހުންނަށް މިތަނުން ޓެކްސީ ނެގޭނެ ގޮތް ހަދައިދޭނަން. އެއީ މިހާރު ހަދަމުން އަންނަ މަގުތައް ޕޭވްކޮށް ހުރިހާ ކަމެއް ނިމުނީމަ. އަޅުގަނޑު ޔަގީންކޮށް އަރުވަނީ ދުވަހެއް ދުވަހަކަށް އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ހޯދުމުގައި އެމްއޭސީއެލް އާއި އެމްއޭސީއެލްގެ މެނޭޖްމެންޓާއި މުވައްޒަފުން އަބަދުވެސް ދެމިތިބޭނެކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ޓާމިނަލަށް އަންނަ ޓެކްސީތަކަކީ މެނޭޖްކުރެވިގެން ވަކި އިރުޝާދެއްގެ ދަށުން ހިންގޭ ކަންތައްތައް ކަމަށާއި މިހާރު ގެނެވުނު ބަދަލާއެކީ ޑޮމެސްޓިކް ޑިޕާޗާއަށް ޓެކްސީ އާއި ކާރަށް ދެވޭނެއެވެ. އެގޮތުން އެއްފަހަރާ ތިން ވެހިކަލް މަޑުކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ވަކި ރޫޓެއް އިންނާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދަކީ މިތަނަށް ހިދުމަތް ހޯއްދެވުމަށް އަންނަ ހުރިހާ ބޭފުޅުންނަށް ލުއި ފަސޭހަ ވާނެ ހުރިހާ ކަމެއް ވީ އެންމެ އަވަހަށް ކުރަން. މުސްތަގުބަލުގައި އިރާދަކުރެއްވިއްޔާ ޑިޕާޗާއަށް އަަންނަ މީހުންގެ އިތުރަށް އެރައިވަލް މީހުންނަށް މިތަނުން ޓެކްސީ ނެގޭނެ ގޮތްވެސް ހަދައިދޭނަން." ޝަރީފް ވިދާޅުވިއެވެ.

ޓެކްސީތަކަށް ވެލާނާ އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދެވޭ ގޮތް ހެދުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޑޮމެސްޓިކް ޓާމިނަލާ ހަމައަށް އެއް ފަހަރާ ތިން ޓެކްސީ އަށް މަޑުކުރެވޭނެ ޖާގަ ވަނީ ކަނޑައަޅައި އަދި އެ ޓާމިނަލަށް ދާ ޓެކްސީތަކުން، ޔޫ ޓާން ނަގަން ޖެހޭނީ ކާގޯ އޭރިއާއާ ހިސާބުން އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުންނެވެ. ޓެކްސީތަކުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް އެ ސަރަހައްދުގައި އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން ޓުރެފިކް ޕްލިސް ވެސް ހަރަކާތްތެރި ވާނެއެވެ.

މިއަދާއި ހަމައަށް ޓެކްސީގައި ފައިބަން ޖެހެނީ އިންޓަނޭޝަނަލް ޓާމިނަލްއާ ދިމާލަށެވެ. އަދި އެކަމާ ގުޅިގެން ގިނަ ބަޔަކު ޝަކުވާވެސް ކުރެއެވެ. ޑޮމެސްޓިކް ޓަމިނަލާ ހަމަޔަށް ޓެކްސީގައި ދެވުނު ނަމަވެސް ޓެކްސީއަށް އަރަން ދާން ޖެހޭނީ މިހާރުވެސް އެ ހިދުމަތް ދެމުން އަންނަ ސަރަހައްދުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮށި ވިސްނާމީހާ

    އެމް.ޑީ ޝަރީފުގެ ވިސްނުން ފެނުމުން ވަރަށް އުފާވޭ. ރައްޔިތުންނަށް ޚިދުމަތް ދޭ ތަނަކުން ކުޑަނަމަވެސް ފަސޭހައެއް ރައްޔިތަކަށް ލިބޭ ގޮތަކަށް ކަމެއް ތަނަވަސް ކޮށް ދިނުމަށް މަސައްކަތްކޮށް ދެއްވުމަކީ އެ އެމް.ޑީ. އެއްގެ ކިބައިން ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ އެންމެ ބޮޑު ކަންތައް.