މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް(އިން ދޭ 'އެމްޕްލޯއީ ސްޓަރ އެވޯޑްސް' 20 މުވައްޒަފަކަށް ދީފިއެވެ.

ބޭންކުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި އެވޯޑް ހާސިލްކުރި މުވައްޒަފުންނަށް އެވޯޑް ދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ އެވެ.

ކޮންމެ މަހަކު ބާއްވާ މި އެވޯޑަށް ހުށަހެޅޭ މުވައްޒަފުންގެ ތެރެއިން އެވޯޑް ހާސިލްކޮށްފައިވާ މުވައްޒަފުންނަކީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއްކޮށްދީފައިވާ އަދި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަފުންނެވެ.

މީގެ އިތުރުން ތައުލީމާއި، ކުޅިވަރުގެ އިތުރުން އެހެނިހެން ހަރަކާތްތަކުން މުވައްޒަފުން ހޯދާ ކާމިޔާބީ ފާހަގަކޮށް މި އެވޯޑްދެވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ އެމްޕްލޯއީ ސްޓަރ އެވޯޑްސް އާއެކު ބޭންކުގެ ކަސްޓަމަރުންނާއި، ބޭންކުގެ ހިދުމަތް ލިބޭ މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ބޭންކުގެ މުވައްޒަފުން ކުރާ ބުރަ އަދި ފަރުވާތެރި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އަދި ގަވައިދުން ދެމުންދާ މި އެވޯޑަކީ މުވައްޒަފުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ހިތްވަރު ލިބިގެންދާނެ އެވޯޑެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުވައްޒަފުންކުރަމުންދާ ލާމަސީލު މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ ސްޓަރ އެވޯޑްސް ތައާރަފްކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. މި އެވޯޑްގެ އިތުރުން، ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ސްޓާފް އެވޯޑްސް' އަދި ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ލޯންގް ސަރވިސް އެވޯޑްސް' ވެސް ބޭންކުން އަންނަނީ ބާއްވަމުންނެވެ.