ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް، އެ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ.

މިރޭ ކްރޮސްރޯޑްސްގައި ބޭއްވި މި ހަފްލާގައި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.

  • އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހޯދާފައިވަނީ މުޙައްމަދު ޝާއިޤް އަޙްމަދު ( ކަސްޓަމަރ ސަރވިސް މެނޭޖަރ)
  • ބެސްޓް ލީޑަރ އެވޯޑް ހޯދާފައިވަނީ ޢަލީ ފާރިޝް ޚަލީލް (ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ)
  • ބެސްޓް މެނޭޖަރ އެވޯޑް ހޯދާފައިވަނީ އަޒާން ރަޝީދު (ޓަރމިނަލް މެނޭޖްމަންޓް ޔުނިޓް)
  • ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފައިވަނީ ނައިފަރު ބްރާންޗުންނެވެ.
ބީއެމްއެލް ސްޓާފް އެވޯޑްސްގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ކެޓަގަރީތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ޓީމް، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ، ބޭންކުގެ ޓީމާ ދޭތެރޭފަޚުރުވެރިވާ ކަމަށާއި މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްދޭ އަހައްމިއްޔަތުކަން އަހަރުން އަހަރަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުން ދައްކުވައިދޭ ކަމަށެވެ. އަދި މިރޭ އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް އޭނާ ވަނީ މަރުހަބާ ދަންނަވާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ-- ފޮޓޯ: ބީއެމްއެލް

ކާރލް ވިދާޅުވީ ބޭންކު ކާމިޔާބީއާ ދިމާއަށް ދަތުރުކުރަނީ އެ ބެންކުގެ މުވައްޒަފުންގެ ނަމޫނާ މަސައްކަތުގެ ސަބަބުން ކަމަށެވެ.

"ފާއިތުވި އަހަރު ބޭންކުން ވަނީ ރިކޯޑް ނަތީޖާއެއް ހޯދާފަ. މިއީ ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ބޭންކަށް ލިބުނު ފުރަތަމަ ފަހަރު. މި ނަތީޖާ ހޯދުނީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުން. އެހެންކަމުން މި ފުރުސަތުގައި ކޮންމެ މުވައްޒަފަކަށްވެސް ވަކިވަކިން އަޅުގަނޑު ޝުކުރު އަދާކުރަން." ކާރލް ވިދާޅުވިއެވެ.

ބީއެމްއެލް ސްޓާފް އެވޯޑްސްގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ފަހުރުވެރި ދިވެހިންނެވެ. އަދި މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.