ހދ. ކުޅުދުއްފުށީ އެއާޕޯޓް ހިމެނޭ ސަރަހައްދަށް އިތުރު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ފަށައިފިއެވެ.

ރީޖަނަލް އެއާޕޯޓްސްއިން ބުނެފައިވަނީ ކުޅުދުއްފުށި އެއާޕޯޓުގެ. ޕަސެންޖަރ ޓާމިނަލްގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތްތައް ފެށުމަށް މި ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމަނާފައިވާ ކަމަށާއި ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 14 ހަފްތާ ތެރޭގައި އަމަލީ މަސައްކަތްތައް ފެށުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު މުބީން ފާހަގަ ކުރެއްވި ގޮތުގައި އެކުންފުންޏާއި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް މަޝްރޫއަކީ ކުޅުދުއްފުށި އެއާޕޯޓަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ، އިތުރު ކުރަން ޖެހޭ އެންމެހައި ހިދުމަތްތަކެއް އިތުރު ކުރުމާއި ޕަސިންޖަރުންނަށް އެއާޕޯޓުން އަދި ޓާމިނަލުން ލިބެން ޖެހޭ އެންމެހައި ހިދުމަތްތައް ހިމެނޭ ގޮތަށް ކޮންސެޕްޓް ޑްރޮވިންއެއް ހެދުން ކަމަށެވެ.

މިވަގުތު ކޮންސެޕްޓް ޑޮރޮވިން ބޮޑުބައިނިމި، އެންމެ ފަހުން އެސިޓީގެ ކައުންސިލާއި ބައްދަލު ކުރެވި އެބޭފުޅުންނަށް ކޮންސެޕްޓް ޑްރޯވިން ހުށަހަޅައި ވަނީ ހިޔާލު ހޯދިފައިވާކަން މުބީން ފާހަގަ ކުރެއްވިއެވެ.

ރީޖަނަލް އެއާޕޯޓްސްއިން ކުޅުދުއްފުށި ކައުންސިލާއި ބައްދަލު ކުރެއްވުން-- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް

އެކުންފުނިން ބުނީ، ކުންފުނީގެ އަމާޒަކީ އެކޮންސެޕްޓަށް އިތުރަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވި، އަމަލީ މަސައްކަތްތައް ރައީސްގެ ވައުދުފުޅާ އެއްގޮތަށް ފެށިގެން ދިއުން ކަމަށެވެ. އަލަށް ހެދޭ ޓާމިނަލްގެ ޑިޕާޗަރ އަދި އެރައިވަލް ޓާމިނަލް ބޯޑު ކުރެވި، ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ބޭނުން ކުރާ އެންމެ ބޮޑެތި އެއާ ކްރާފްތްތަކަށް ހިދުމަތް ދެވޭ ޓާމިނަލަކަށް ވެގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން އެއާޕޯޓުގައި ފާހަނާ، މައިންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރި، ނަމާދު ކުރާ ކޮޓަރި، ކެފޭ އަދި ދަތުރުވެރިންނާއި އެހެނިގެން ފަރާތްތަކަށް މައުލުމާތު ދޭން ކައުންޓަރުތައް ހުންނާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ރީޖަނަލް އެއާޕޯޓްސްއިން ކުޅުދުއްފުށި ކައުންސިލާއި ބައްދަލު ކުރެއްވުން-- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް

އެކުންފުނިން ބުނީ، މިމަޝްރޫއުގެ ތެރޭގައި އެއާޕޯޓުގެ ސަރަހައްދަށް ބޭނުންވާ ޕާކިންގެ ހިދުމަތްތަކާއި އަދި މީގެ އިތުރުން ވެސް އެއާޕޯޓަށް ފުރިހަމަކަން ގެނެސްދޭނެ ކަމަށާއި މި ބަދަލުތަކާއި އެކީ އެކުންފުނިން ދަނީ އެ ސަރަހައްދަށް އިތުރު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން އެއާޕޯޓުގެ އުތުރަށް އޮންނަ ހުސްބިމުގައި ތައާރަފް ކުރުމަށް އެކުންފުންޏާއި ކައުންސިލާއެކު ސޮއިކޮށްފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

"މިކަމުގެ ސަބަބުން ކުޅުދުއްފުށި ސިޓީއަށް އިތުރަށް ފުރިހަމަކަން ގެނެސްދީ ޓުއަރިޒަމް އިތުރަށް ފުޅާވުމަށް އެހީއަކަށްވެގެންދާނެ" އެކުންފުނިން ބުންޏެވެ.

އެކުންފުނިން ބުނީ، އެމަސައްކަތަކީ އެކުންފުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ، ސަރުކާރުގެ މާލީ އެހީއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ.