ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ އައު އޭޓީއެމް ސެންޓަރެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވައިފިއެވެ.

ވިނަރެސް ޓަވަރ 8 ގައި ގާއިމްކުރި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އައިޝަތު ނޫރައްދީން ވިދާޅުވީ، މިނެޓްވޯކް ފުޅާކޮށް ޒަމާނީ ހިދުމަތްތައް އެކުލެވޭ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވުމަކީ އެބޭފުޅުންނަށް ލިބޭ އުފަލެއް ކަމަށާއި މިވަގުތު ވެސް 3 އޭޓީއެމް ސެންޓަރާއި ބްރާންޗް އަދި ކޮންޓެކްޓް ސެންޓަރ ހުޅުމާލޭ ފޭސް 1ގައި ގާއިމްކޮށް ކަސްޓަމަރުންނަށް ހިދުމަތްދެމުންދާކަމީ ލިބޭ ފަހުރެއް ކަމަށެވެ.

އަދި މިއަހަރު ތެރޭގައި އެބޭފުޅުންގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންދާނެ ކަމަށް ނޫރައްދީން ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.