މި އަހަރުގެ މެއި މަހު ރާއްޖެ އައީ 64،613 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިހާރުވެސް ބައެއް ގައުމުތަކުގައި ކޮވިޑް ފެތުރެމުންދާތީ ގައުމުތައް ވަނީ ބަންދުކޮށްފައެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުން ފެންނަން ފެށި ކޮވިޑާއި ގުޅިގެން، ރާއްޖެއަށް ފަތުރުވެރިން އައުން މެދުކަނޑާލިއެވެ. އޭގެ ފަހުން ޖުލައި މަސް ތެރޭގައި ފަތުރުވެރިން އަލުން އަންނަ ފެށިއެވެ. އަދި އަހަރު ނިމުނުއިރު ރާއްޖެއަށް 555،94 ފަތުރުވެރިންނެވެ.

މި އަހަރު ފަށައިގެން އައިއިރު ފަތުރުވެރިން ރާއްޖެ އަންނަވަރު ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔައެވެ. އެގޮތުން މިއަަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިން އައިރު، ފެބްރުއަރީ މަހު 96،882 ފަތުރުވެރިން ރާއްޖެ އައެވެ. އަދި މާރިޗް މަހު 109،585 ފަތުރުވެރިން ރާއްޖެ އައިއިރު، އޭޕްރިލް މަހު 91،200 ފަތުރުވެރިން އައެވެ.

އެހެން ނަމަވެސް މެއި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް މި ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

މިހެންވާން ޖެހެނު މައިގަނޑު ސަބަބަކީ ކޮވިޑްގެ އާ ވައްތަރުތައް ގައުމުތަކުން ފެންނަން ފަށައި، ބަލީގައި މަރުވާ މީހުންގެ އަދަދުތަކާއި، ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމާއެކެ، ބައެއް ގައުމުތަކުން ރާއްޖެ އަށް ފަތުރުވެރިން އައުންވެސް ސަރުކާރުން ހުއްޓުވުމުންނެވެ.

ރާއްޖެ އައުން މަނާ ކޮށްފައި ވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް މަދުވެފައިވާއިރު، މި އަހަރު މިހާތަނަށް ރާއްޖެ އއައިސްފައި ވަނީ 454،893 ފަތުރުވެރިންނެވެ.