އެމެރިކާގެ އެޕަލް ކުންފުނީގެ އައިފޯނު އުފެއްދުމުގެ ބަދަލުގައި ޓައިވާނުގެ ފޮކްސްކޮން ކުންފުނިން ކާރު އުފައްދަން ތައްޔާރުވާން ފަށައިފިއެވެ.

އެމެރިކާ އާއި ޗައިނާގެ ގުޅުން މިހާރަކަށް އައިސް ހީނަރުވާން ފެށުމާއި ގުޅިގެން ޓައިވާނުގެ ފޮކްސްކޮން ކުންފުނިން ނިންމީ އެމެރިކާގެ އެޕަލް ކުންފުނީގެ އައިފޯން އުފެއްދުމުގެ ބަދަލުގައި ކަރަންޓުން ދުއްވާ ބެޓަރި ކާރު އުފެއްދުމަށެވެ. އެހެންކަމުން ބެޓަރި ކާރު އުފެއްދުމަށް އެކުންފުނިން ތައްޔާރީތައް ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފޮކްސްކޮންގެ އައިފޯނު އުފައްދާ ކާރުޚާނާތައް ހުންނަނީ ޗައިނާގައެވެ. ބީބީސީއަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި، ފޮކްސްކޮންގެ ވެރިޔާ ޔަންގް ލިއު ވިދާޅުވީ، އޭނާގެ ކުންފުނީގެ ކުރިމަގު އޮތީ ކަރަންޓުން ދުއްވާ އުޅަނދުފަހަރު އުފެއްދުމުގައެވެ. އަދި މި ދެގައުމުގެ ގުޅުން ހީނަރުވެގެންދާއިރު ޙާލަތަށް ތައްޔާރުވެ ތިބުމަށާއި ޞުލްޙަޔާއި ހަމަޖެހުމަށް ދެގައުމުގެ ވެރިން އިސްކަންދޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އޭނަގެ ވިޔަފާރި ނުހުއްޓި ކުރިޔަށް ގެންދާނެ ގޮތަކާމެދު އޭނާ ދަނީ ވިސްނަމުންނެވެ. އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުންނަ ބާވަތްތައް އުފައްދާ، ޗައިނާގައިހުރި އޭނާގެ ކުންފުނީގެ ކާރުޚާނާތައް ބަންދުކޮށް، އެކާރުޚާނާތައް މެކްސިކޯއާއި ވިއެޓްނާމަށް ބަދަލު ކުރަމުން ގެންދަވާކަމަށް ލިއު ވިދާޅުވިއެވެ.

ފޮކްސްކޮންއިން ކާރު އުފައްދާ ކަން އިއުލާން ކުރަމުން ލިއު ވިދާޅުވީ ވިޔަފާރިއަށް އިންވެސްޓް ކުރަން ނިންމީ، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ތާށިވާން ބޭނުން ނުވާތީ ކަމަށާއި ކާރު އުފެއްދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން ގެންދާ ކަމަށެވެ. އަދި ފޯން އުފައްދާ ފެކްޓްރީތަކުގެ ބައެއް މަސައްކަތްތައް އިންޑިއާ އަށް ބަދަލުކޮށް އިންޑިއާގައި ވަނީ ފޮކްސްކޮންގެ ފެކްޓަރީއެއް ހުޅުވުމުގެ މަސައްކަތް ފަށައިފައެވެ.

މީގެ އިތުރުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ޗައިނާއިން ބަލާފާނެ ކަމަށްޓަކައި ޑޭޓާ ސެންޓަރުތައް ވެސް މިހާރު މެކްސިކޯއާއި ވިއެޓްނާމަށް ބަދަލުކޮށްފައި ވާނެ ކަމަށް އޭނާ ވަނީ ވިދާޅުފައެވެ.

އެޕަލް ކުންފުނީގެ އުފެއްދުންތަކުގެ ދެބައިކުޅަ އެއްބައި ހަދަނީ ފޮކްސްކޮންއިން އިންނެވެ. އޭގެ ތެރޭގައި އައިފޯން އާއި މެކްބްކް އާއި، ޗިފްސެޓްތަކާއި އެހެނިގެން އިލެކްޓްރޯނިކްސް ހިމެނެއެވެ. މިހާރު ޓެކްނޮލިޖީގެ ދާއިރާގައި އެންމެ ފުޅާ އެއް ކުންފުނީގެ މި ބަދަލާއެކު އިލެކްޓްރޯނިކް ކާރުގެ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ގިނަބަޔަކު ދެކެއެވެ.

1974 ގައި ފޮކްސްކޮން ކުންފުނިން ވިޔަފާރި ފެށީ "ހޮން ހައި ޓެކްނޮލޮޖީ ގްރޫޕް"ގެ ނަމުގައެވެ. ދުނިޔޭގެ އެންމެ ބާރުގަދަ އެއް ޓެކްނޮލޮޖީ ކުންފުނީގެ ގޮތުގައި ފޮކްސްކޮންގެ ނަން ވަނީ މިހާރު ގުނަން ފެށިފައެވެ. ފޮކްސްކޮންގެ އަހަރީ ވިކުރާ މިހާރުވަނީ 200 ބިލިއަން ޑޮލަރަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު