23:39

ފަލަސްތީނުގައި ހަރަކާތްތެރިވާ އދ ގެ ރެފިއުޖީ އެޖެންސީ (އަންރާ) ގެ އެކި އެކި އިމާރާތްތަކަށް ހަނގުރާމަ ފެށުނު ފަހުން 290 ފަހަރު އިސްރާއީލުގެ ޔަހޫދީ އަނިޔާވެރި ސިފައިން ހަމަލާދީފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި.

23:09

ނަތަންޔާހޫގެ ޕްރެސް ކޮންފަރެންސުން ކުރު ހުލާސާއެއް:

- އިސްރާއީލް އޮތީ ކާމިޔާބު ލިބުމުގެ މަގުމަތީގައި.
- އަހަރުމެންގެ ބޭނުމަކީ އަސީރުން މިނިވަންކޮށް، ހަމާސް ބަލިކުރުން.
- ކާމިޔާބު ނުހޯދައި ޣައްޒާ އިން ނުފައިބާނަން.
- މިހާތަނަށް އައިއިރު ހަމާސްގެ 20،000 އަށް ވުރެ ގިނަ މުޖާހިދުން ޝަހީދުކޮށް، ނުވަތަ ޒަހަމްކޮށްލާފައިވާނެ.
- މިހާތަނަށް އައިއިރު ހަމާސްގެ 20 އަސްކަރީ ގޮފީގެ ތެރެއިން 18 ގޮތްޕެއް ވާނީ ނައްތާލާފައި.
- ރަފަހްގައި އޮޕަރޭޓް ވާން އިރުޝާދު ދީފައި ވާނެ. މިއީ ހަމާސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ހިސާބު.
- އަހަރެން ބްލިންކަން ގާތުގައި ވެސް ބުނީ ކާމިޔާބު ވަނީ ދާދި ގާތުގައި ކަމަށް.

 

22:57

އިސްރާއީލުން ރަފަހްގެ ކޭމްޕެއް ކައިރީގައި އޮތް ކާރަކަށް ވައިގެ މަގުން ދިން ހަމަލާއެއްގެ ވީޑިއޯއެއް އަލް-ޖަޒީރާ އަށް ލިބިއްޖެ. އެ ވީޑިއޯގައި ފެންނަނީ ފަލަސްތީނުގެ ރައްޔިތުންތަކެއް ތިބި ކޭމްޕެއް ކައިރިއަށް ހަމަލާ ދޭ މަންޒަރު.

އެއާއެކީގައި ކޭމްޕްގައި ތިބި މީހުން ކޮޅު ކޮޅަށް ދުވާ މަންޒަރު ފެނޭ. މި ހަމަލާގައި އެކަކު ޝަހީދުވެފައިވޭ.

ރަފަހް ސަރަހައްދުގައި އެކަނި ވެސް ފަލަސްތީނުގެ 1.9 މިލިއަން މީހުން ދިރިއުޅޭ. އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި އެ ސަރަހައްދަކީ ދެން އެންމެ އަވަހަށް ވަރުގަދަ އޮޕަރޭޝަން ހިންގާނެ ސަރަހައްދު.

22:43

އިސްރާއީލުން ލުބުނާނަށް ވައިގެ މަގުން ދިން ހަމަލާގައި ލުބުނާންގެ އާންމު ރައްޔިތަކު ޝަހީދުވެ، ދެ މީހަކަށް އަނިޔާ ލިބިއްޖެ.

22:41

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނޫސްވެރިންނާ ވާހަކަ ދައްކަމުން އެބަގެންދޭ.

18:20

އިސްރާއީލްގެ ރައްޔިތުން ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދޭން ހުރަސް އަޅަނީ. އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިހާތަނަށް އައިއިރު، ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރެއް ކައިރީގައި 132 އެއިޑް ޓްރަކް ޣައްޒާ އަށް ނުވަދެވިފައި އެބައޮތް. އިސްރާއީލުން ޑިމާންޑް ކުރަމުން ދަނީ ފަލަސްތީނުގެ ޣައްޒާ އަށް ގެންދިޔަ އަސީރުން ދޫކުރުމަށް.

18:16

އިސްރާއީލަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކެން އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ބައްދަލު ކުރައްވައިފި. މި ބައްދަލުވުމަކީ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއް.

17:51

ފަލަސްތީނުގެ ޣައްޒާގެ ހާން ޔޫނުސް ސިޓީގައި ބޯފެން ހޯދަން މަގުމައްޗަށް ފަލަސްތީނުގެ ކުޑަކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލައިފި.

17:22

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ އުދުވާންގައި ޝަހީދުވި މީހުންގެ އަދަދު 27،708 އަށް އަރައިފި.

15:00

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގައި ހަނގުރާމަވެރިން ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ސިފައިން ބުނެފި.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލު ސިފައިންނަށް ގިނަ އަދަދެއްގެ ހަތިޔާރާއި، އެ ސަރަހައްދުގައި ހުރި އިތުރު ޓަނަލްތައް ފެނިފައިވާ ކަމަށް.

14:58

ސީރިއާގެ ހޯމްސްގެ އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އާންމުން ޝަހީދުވެ ގިނަބަޔަކު ޒަޚަމްވެއްޖެ.

  • ސީރިއާގެ އަސްކަރީ އޮފިޝަލަކާ ހަވާލާދީ އެ ގަައުމުގެ ދައުލަތުގެ ނިއުސް އެޖެންސީ ސަނާއިން ބުނީ އަންގާރަ ދުވަހުގެ ރޭ ދިން ހަމަލާތަކުގައި އަމިއްލަ މުދަލާއި އާންމު މުދަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް.
    ލުބުނާނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓްރިޕޮލީ ކައިރީގައި މެޑިޓެރޭނިއަން ކަނޑުގެ މަތިން އުދުހެމުން ދިޔަ މަތިންދާ ބޯޓުތަކުން ސީރިޔާ ސިޓީއަށާއި ރަށްރަށަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނޭ.
    ސަރުކާރަށް ތާއީދުކުރާ ޝާމް އެފްއެމް ރޭޑިއޯ ސްޓޭޝަނުން ބުނީ ހަމަލާ ދިން ސަރަހައްދުތަކުގެ ތެރޭގައި މުއްސަނދި އަލް މަލާބު އަވަށާއި ހަމްރާ މަގު ހިމެނޭ ކަމަށް. އަދި އިސްރާއީލުން އަލްވާރުގެ ދަނޑުބިންތަކަށް ހަމަލާދީ އަލިފާން ރޯވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުނޭ.
    އިނގިރޭސިވިލާތަށް ނިސްބަތްވާ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ހަނގުރާމަ މޮނިޓާކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމެނިޓޭރިއަން ރައިޓްސް އިން ބުނީ އާންމުންގެ ހަ މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ހިޒްބުاللهގެ ދެ ހަނގުރާމަވެރިން ވެސް ހިމެނޭ ކަމަށް.

 

14:36

ހަމާސް އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވާ ކައުންޓާޕްރޮޕޯސަލްގައިވާ ކަންކަން އަލްޖަޒީރާއިން އާއްމުކޮށްފި. އިސްރާއީލާއި އެމެރިކާއާ އެކު މަޝްވަރާކުރުމަށްފަހު ގަތަރާއި މިސްރުގެ މެދުވެރިން ހުށަހެޅުއްވި ހުށަހެޅުމަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނު ޖަމާއަތުން ވަނީ ތިން މަރުހަލާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނެއް ހުށަހަޅާފައި.

މި ހުށަހެޅުމުގެ ތަފްސީލު:

  • ކައުންޓާޕްރޮޕޯސަލްގައި ވާގޮތުން އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމުގެ ބަދަލުގައި ފުރަތަމަ 45 ދުވަހުގެ ފިޔަވަހީގައި އިސްރާއީލުގެ ހުރިހާ އަންހެނުންނާއި 19 އަހަރުން ދަށުގެ ފިރިހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ދޫކޮށްލުން.
  • އަދި ބާކީ ތިބި ފިރިހެން މީހުން ދެވަނަ ފިޔަވަހީގައި މިނިވަންކޮށް، ހަނގުރާމައިގައި މަރުވި މީހުންގެ ހަށިތައް ތިންވަނަ ފިޔަވަހީގައި ބަދަލުކުރުން.
  • ތިން ވަނަ މަރުހަލާ ނިމޭއިރު ހަމާސް އިން އުންމީދު ކުރާނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް.
  • ހަމާސް ޖަމާއަތުން ހުށަހެޅި ހުށަހެޅުންތަކަށް އިތުރުކުރި ބަޔާނެއްގައި ބުނެފައިވަނީ 1500 ގައިދީން ދޫކޮށްލުމަށް އެދޭ ކަމަށާއި އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ހޮވާނީ އިސްރާއީލުގެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ފަލަސްތީނުގެ މީހުންގެ ލިސްޓުން ކަމަށް.
  • މި ހަނގުރާމައިގެ ސަބަބުން ޣައްޒާއަށް ކާބޯތަކެއްޗާއި އެހެނިހެން އެހީތައް ފޯރުކޮށްދިނުން ވެސް އިތުރުވެގެންދާނެ.

14:30

ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އިން ވަނީ އިސްރާއީލާއެކު އޮންނަ ގުޅުން އާންމު ކުރުމާ ގުޅޭ ގޮތުން ސައޫދީ އަރަބިއްޔާއިން ގެންގުޅޭ ސިޔާސަތަށް ޝުކުރު އަދާކޮށްފައި..

ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އަލް ޝެއިޚް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ އިންސާފުވެރި މަގުސަދުގައި ތިބުމަށް ސައޫދީ އަރަބިއްޔާއިން ކުރަމުން އަންނަ ހަރުދަނާ މަގާމާއި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށް.

13:59

އިސްރާއީލް ސިފައިން އަނެއްކާވެސް ކަލްކިލިއާ ސިޓީއަށް ހަމަލާދޭން ފަށައިފި.

ފަތިހުގެ ވަގުތެއްގައި އާމަރޑް ޕަރސަނަލް ކެރިއަރުތަކެއް އެ ސިޓީއަށް ވަދެގެން ދިޔަމަންޒަރު ފެނުނު ކަމަށް ބައެއް ފަރާތަތައް ބުނެފައިވޭ.

13:55

ޣައްޒާއަށް އެހީ ވަނުން ހުއްޓުވުމަށް އިސްރާއީލުން ޓެންޓުތައް ބަހައްޓާ މަންޒަރު އާއްމުވެއްޖެ

13:53

ފާއިތުވި މިނިޓްތަކުގެ ތެރޭގައި ރަފާހުގައި ގޮއްވާލި އަޑުތަކެއް އިވެމުން ދިޔައީ އެ ސިޓީގެ ހުޅަނގުފަރާތު އައްސޭރިފަށުގެ މައި މަގުގައި އިސްރާއީލުގެ ހަތިޔާރު ބޯޓުތަކުން ބަޑީގެ ހަމަލާތައް ދެމުން ދަނިކޮށް ކަމަށް އަލްޖަޒީރާއިން ބުނެފި.

އަލަޖަޒީރާއިން ބުނީ ވަރަށް ބޮޑު ވައިގެ ހަމަލާއެއް ދީފައި ވަނީ ރިޕޯޓް ކުރާ ތަނާ ތަންކޮޅެއް ދުރުން ކަނސް

ރޭގަނޑު ދިން ވަރުގަދަ ހަމަލާތަކުގައި 11 މީހުން ވަނީ ޝަހީދުވެފައި. އޭގެ ތެރޭގައި ނޫސްވެރިއަކާއި އޭނާގެ މަންމަ އާއި ކޮއްކޮ ވެސް ހިމެނޭ.

13:51

އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ ފަސް މީހަކު ހައްޔަރުކުރީ ބަނީ ނާއިމް، ސާއިރު އަދި ހެބްރޮން ކައިރީގައި އޮންނަ އަރުރޫބް ކޭމްޕުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަލްކިލިއާ ސިޓީން ތިން ފިރިހެނުންނާއި ބެތުލެހެމް ސިޓީން ދެ މީހަކު ވެސް ސިފައިން ވަނީ ހިފަހައްޓާފައި.

12:06

ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގެ ބޭރުގައި އިސްރާއީލް ސްނައިޕަރުން އަންހެނެއްގެ ގަޔަށް ބަޑިޖަހައި އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ދީފި.

11:42

އިސްރާއީލުން މިހާރު ކުރަމުންދާ ޖަރީމާތަކުގެ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ޣައްޒާގެ ދެކުނުގައި އޮންނަ ބާނީ ސުހައިލާ އަވަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ފެންނަ ފުޓޭޖްތައް

11:29

ޚާން ޔުނިސްގެ އަލް އަމާލް ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮތް އުމުރުން ދުވަސްވީ އަންހެނަކު ހޮސްޕިޓަލުން ނުކުތުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން މަޖުބޫރުކޮށްފި.

11:03

އިސްރާއީލުގެ ހަމަލާތައް ކުރިއަށް ދާއިރު ރަފާގެ ދިރިއުޅުން

ފޮޓޯ: އޭއެފްޕީ
ފޮޓޯ: އޭއެފްޕީ
ފޮޓޯ: އޭއެފްޕީ
ފޮޓޯ: އޭއެފްޕީ

11:02

އިސްރާއީލަށް 17.6 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ރިޕަބްލިކަން ޕާޓީން އިސްނަގައިގެން ހުށަހެޅި ބިލު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ބޭރުކޮށްލައިފި.

11:01

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އިސްރާއީލުގެ އަސްކަރީ ވެރިޔާ ހަރްޒީ ހަލެވީއާ ސިއްރުން ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ބުނެފި.

މިކަން ހާމަކޮށްފައި ވަނީ ނަތަންޔާހޫ އެންމެ ފުރަތަމަ އެމެރިކާގެ "އާދަޔާ ހިލާފު" އެދުމަށް ދެކޮޅު ހައްދަވާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނިކޮށް.

10:05

ނިރުބަވެރިން ފަަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި އިތުރު ދެ ނޫސްވެެރިން ޝަހީދުކޮށްލާފައިވާ ކަމަށް ގުދުސް ނެޓްވޯކް އިން އިއްޔެ ބުނެފި

09:42

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ނޫސްވެރިޔާ ޒަކަރިއްޔާ އަބޫ ޣާލީ އާއި އޭނާގެ މަންމަ އާއި ކޮއްކޮ ޝަހީދުކޮށްލައިފި.

09:39

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނަބްލޫސް ސިޓީގެ އިރުއުތުރުގައި އޮންނަ ތަމްމުން އަވަށަށް އިސްރާއީލު ސިފައިން ވަދެއްޖެ.

އެ މީހުން އެ އަވަށުގެ ގެތައް ބަލައި ފާސްކޮށްފައިވާއިރު، ފަލަސްތީނުގެ ޖަމާއަތްތަކުން ވަނީ އިސްރާއީލު ސިފައިންނަށް ބަޑީގެ ހަމަލާތައް ދީ ރައްދު ދީފައި.

09:38

މެކްޑޮނަލްޑްސްގެ ވިޔަފާރީގެ ލަނޑުދަނޑިތަކަށް ލޮޅުން އެރީ އިސްރާއީލަށް ތާއީދު ކުރާ ކަމަށް ބުނެ ދުނިޔޭގެ ބައެއް ހިސާބުތަކުގައި އެ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފި.

09:35

އިސްރާއީލު ސިފައިން ފަލަސްތީނު ދަރިކޮޅުގެ އެމެރިކާގެ އަންހެނަކު ހައްޔަރުކުރީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުރި އޭނާގެ ގެއަށް ވަދެ، އެނދުން ނެރުމަށް ފަހު ކަމަށް އާއިލާއިން އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް ބުނެފި.

08:59

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 27،585 މީހަކު ޝަހީދުވެ، 66،978 މީހަކަށް އެކިވަރުގެ ޒަހަމްތަކެއް ވެފައިވާ ކަމަށް ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފި.

08:58

ފުލުހުންގެ ލޯގާ ޖަހާފައި ހުރި ކާރަކަށް ހަމަލާދީ ހަ މީހަކު ޝަހީދު ކޮށްލައިފި.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޣައްޒާގެ ދެކުނުގައި އެ ކާރަށް ހަމަލާދީފައިވަނީ އެހީގެ ތަކެތި ހިފައިގެން ދަތުރު ކުރަމުން ދިޔަ ވެހިކަލަކަށް ސެކިއުރިޓީ ދެމުން ދަނިކޮށް.

08:56

އާޖެންޓީނާގެ ރައީސް ގުދުސްގެ ހުޅަނގު ފާރަށް ޒިޔާރަތް ކޮށްފި.

08:55

ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އުޅަނދުތަކަކަށް ހޫތީން 6 ބަލިސްޓިކް މިސައިލް ހަމަލާތަކެއް ދީފި.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ނިރުބަވެރި އިސްރާއީލުގެ ސިފައިންނާއި ޣައްޒާގެ ހަނގުރާމަވެރިންނާއި ދެމެދު ފެށުނު ހަނގުރާމައަށް މިއަދާއި ހަމައަށް 123 ދުވަސް ވެގެން ގޮސްފައިވާއިރު، ފާހަގަ ކުރެވޭ އެއް ކަމަކީ ނިރުބަވެރިންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ޣައްޒާގެ ކުށެއް ނެތް އާންމުންނަށް ކަމެވެ.

ހަމަލާތައް ދެނީ ހަނގުރާމައާއި ގުޅުން ހުރި މީހުންނަށް ކަމަށް ނިރުބަވެރި އަސްކަރިއްޔާއިން ތަކުރާރުކޮށް ބުނި ނަމަވެސް، ޣައްޒާގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންނާއި އެހެން ކަމާއި ބެހޭ އިދާރާތްތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ހަނގުރާމައިގައި އެތައް ހާސް ތުއްތު ކުދިންނާއި އަންހެނުން ވަނީ ޝަހީދުވެގެން ގޮސްފައެވެ. އުފެދޭ ސުވާލަކީ މި މީހުންނަކީ ވެސް އިސްރާއީލަށް ހަމަލާތައް ދިން މީހުންތޯއެވެ.

ހަނގުރާމައިގެ ތެރޭގައި އާންމުން ދިރިއުޅޭ އިމާރާތްތައް ބިނާހަމަކޮށް، މަގުމަތިން ފެންނަ އާންމުން ވެސް ޝަހީދު ކުރަމުން އަންނައިރު، މި ހަމަލާތަކަށް މިއަދާއި ހަމައަށް ވެސް ހުއްޓުމެތް ނެތެވެ. މުޅި ޣައްޒާ ގަބުރުސްތާނަކަށް ވެފައިވާއިރު، ކުރުކޮށް ބުނާނަމަ ހަމަލާތަކާއި ގުޅިގެން ޣައްޒާގެ ހާލަތު ވަނީ ނޭވާ ހޮޅިއަށް އެޅިފައެވެ. މިއީ ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ވެސް މިއަދާއި ހަމައަށް ހުއްޓުވުނު ހަނގުރާމައެއް ނޫނެވެ. ހަނގުރާމަ ހުއްޓާލަން ގޮވާލުން ނޫން ކަމެއް އެފަރާތްތަކަށް ވެސް ނުވެއެވެ.

މިހަނގުރާމަ ހިނގަމުން އަންނައިރު، އިއްޔެ ޤަތަރުގެ ބޮޑު ވަޒީރާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓަނީ ބްލިންކެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދެ ފަރާތުން ހައްޔަރު ކޮށްފައިވާ ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމާއި ބެހޭ ގޮތުން އުންމީދީ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ހަމާސްއިން ވެސް ރަނގަޅު ޖަވާބެއް އެކަމާއި ގުޅޭ ގޮތުން ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިކަން ކުރެވޭނީ ކޮން ދުވަހަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާނުވާ

    އިސްރާއީލްގަ އަސްކަރިއްޔާއެއް އޮންނާނެކަމަކަށް ދުނިޔެ ޤަބޫލެއް ނުކުރޭ. އިސްރާއީލްގަ އޮންނާނީ އެމެރިކާ ވާގިވެރިވާ ޓެރަރިސް ޖަމާއަެތެއް.