ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް އިސްރާއީލަށް އެއްވެސް ބައިނަލް އަގުވާމީ މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް ބޭން ކުރަން ޖެހޭ ކަމަށް އިރާނުން ބުނެފިއެވެ.

އިރާނުން ބުނެފައި ވަނީ އިސްރާއީލުގެ އަނިޔާވެރި ސިފައިން ދަނީ ފަލަސްތީނުގެ ޣައްޒާގައި އަނިޔާވެރިކަމުން ފުރިފައިވާ ނުރައްކާތެރި އަދި އެހާމެ ރަހުމު ކުޑަ ގަތުލްއާންމެއް ހިންގަމުން ކަމަށާއި، ހަމައެކަނި ޣައްޒާ އިން ޝަހީދުވެފައިވާ ކުށެއް ނެތް މައުސޫމު ރައްޔިތުންގެ އަދަދުން ވެސް މިކަމަށް ހެކި ލިބިގެންދާ ކަމަށެވެ.

އަދި އެ ސަބަބަށްޓަކައި އިރާނުން ވާނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ ގައި، އިސްރާއީލުގެ ފުޓްބޯޅަ ފެޑަރޭޝަނަށް ފިޔަވަޅު އަޅައިދިނުމަށް ރަސްމީ ކޮށް އެދިފައި ކަމަށް އިރާނުން ވަނީ ބުނެފައެވެ.

އިރާނުން މިކަން ރަސްމީކޮށް ހާމަ ކޮށްފައިވަނީ އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން އެ އިދާރާގެ އޮފިޝަލް ވެބްސައިޓް ގައި ހިއްސާ ކުރި ބަޔާނެއްގައެވެ. އެ ބަޔާނުގައި އިރާނުގެ ފުޓްބޯޅަ އިދާރާ އިން ވަނީ ފުޓްބޯޅަ އާއި ގުޅުން ހުރި އެއްވެސް ހަރަކާތެއްގައި އިސްރާއީލަށް ބައިވެރި ނުވެވޭ ގޮތް ހަދަން ގޮވާލާފައެވެ.

އިރާނުގެ ފުޓްބޯޅަ އިދާރާއިން ވަނީ އިސްރާއީލާއި ދެކޮޅަށް އަވަހަށް ފިޔަވަޅު އަޅައިދިނުމަށާއި، އަދި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމަށް އެ ގައުމަށް ގޮވާލުމަށާއި، ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި އާންމު ރައްޔިތުންނަށް ވީހާ ވެސް އަވަހަށް ކާނާ އާއި ބޯނެ ސާފު ފެނާއި ބޭސް ލިބޭނެ އިންތިޒާމް ހަމަ ޖައްސައި ދިނުމަށް އިސްރާއީލަށް ގޮވާލުމަށް ވެސް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައްހަ ހަބަރު

    ރަޝިއާ ޔޫކްރެއިންއަށް އެރީމާ ހުރިހާ ކުޅިވަރަކުން މަހްރޫމްކުރި އެކަމަކު ތި ޔަހޫދީ ބައިގަނޑު ޖަރީމާ ހިންގިއަސް އޯކޭ އައްދާރުން

  2. ކާޅު ބާޒު

    ފުޓްބޯޅައިން އެކަންޏެއް ނޫން ދުނިޔޭގެ ޗާޓުންވެސް އިޒުރޭލު ފޮހެލަން ޖެހޭ...