ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ކުށެއް ނެތް އާންމު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކޮޅު ވާން ޖެހޭ ކަމަށް އެމެރިކާގެ ކޮންގްރެސްގެ މެމްބަރު ރާޝިދާ ތަލައިބް ވިދާޅުވެއްޖެއެވެ.

ރާޝިދާ އަކީ އެމެރިކާގެ ތާރީހުގައި ވެސް އެ ގައުމުގެ ދައުލަތް ހިންގުމުގެ އެއް ބާރު ކަމަށްވާ ގާނޫނު ހަދާ މަޖިލީހަށް ނުވަތަ ކޮންގްރެސް އަށް ހޮވުނު އެމެެރިކާގައި ދިރިއުޅޭ ފަލަސްތީނު ނަސްލުގެ ފުރަތަމަ މެމްބަރެވެ. އެކަމަނާ ކޮންގްރެސް އަށް ހޮވިފައިވަނީ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ވާދަކޮށްގެންނެވެ.

ރާޝިދާ ވިދާޅުވެފައި ވަނީ އިސްރާއީލުން މިހާރު ހިންގަން އެ އުޅޭ އަސްކަރީ ހަރަކާތް ރަފަހް ގައި ހިންގައިފި ނަމަ ހީނުކުރާހާ މިންވަރަށް ކުށެއް ނެތް އާންމު ރައްޔިތުން ޝަހީދުވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، މިހާރު ވެސް އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެކި ހިސާބުތަކުން ގެދޮރު ގެއްލިފައިވާ މިލިއަނެއްހާ އާންމު ރައްޔިތުން ރަފަހް ގައި ވަގުތީ ހިޔާވެހިކަމުގައި އެބަތިބި ކަމަށެވެ. އެމީހުން އެތަން ދޫކޮށް ދާނެ ވަކި އެހެން ތަނެއް ނެތް ކަމަށް ވެސް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.

އެ ސަބަބުތަކަށްޓަކައި އެމެެރިކާގެ ރައީސް ޖޯ ބައިޑެން އިސްރާއީލަށް ކުރައްވާ ތާއީދު އަނބުރާ ގެންނަން ޖެހޭ ކަމަށާއި، އެ ހަމަލާތައް ހުއްޓާލާ ސުލްހަވެރި ހައްލެއް މި މައްސަލަ އަށް ހޯދުމަށް ދެ ފަރާތަށް ވެސް އެމެެރިކާގެ ރައީސް ބާރު އަޅުއްވަން ޖެހޭނެ ކަމަށް ރާޝިދާ ވިދާޅުވިއެވެ.

އަދި އިސްރާއީލުން ކުށެއް ނެތް އާންމުންނަށް ގަސްތުގައި ހަމަލާތައް ދެމުންދާ ކަން އެނގޭ އިރު އެމެރިކާ އިން ހަތިޔާރު ވިއްކައިގެން ނުވާނެ ކަމަށާއި، އަދި ހަމަލާތައް ހުއްޓާލަންދެން އެހެނިހެން އަސްކަރީ އެހީތައް ވެސް ވަގުތީ ގޮތުން މެދުކަނޑާލަންވީ ކަމަށްވެސް ރާޝިދާ ވަނީ ވިދާޅުވެފައެވެ.

ރާޝިދާ ވަނީ އިސްރާއީލުގެ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިއީ ނަތަންޔާހޫ ހިންގާ ލާއިންސާނީ ގަތުލުއާންމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.