ޣައްޒާގެ ގެދޮރު ގެއްލިފައިވާ އެތައް މިލިއަން މީހުން ޖަމާވެފައިވާ ރަފަހް އަށް އެއްގަމު މަގުން އަރާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ފުޅާކޮށް ރަފަހް އަށް އަރައި ހަމަލާ ދޭން ތައްޔާރުވުމާއި ގުޅޭ ގޮތުން ނަތަންޔާހޫ ބުނެފައިވަނީ "އަހަރެމެން އެކަން ކުރާނަން" ކަމުގައެވެ. އަދި އެކަމުގެ ތައްޔާރީތައް ވަމުންދާ ކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.

ނަތަންޔާހޫ މިހެން ބުނެފައިމިވަނީ އިސްރާއީލުން ބައިބޯ ރަފަހް އަށް އަރަން އުޅޭތީ މުޅި ދުނިޔެ ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ އެހެނިހެން ސަރަހައްދުތަކުން އެމީހުންގެ ގެދޮރު ދޫކޮށް ދާން އިސްރާއީލުން މަޖުބޫރު ކުރުވުމުން ގާތްގަނޑަކަށް 1.4 މިލިއަން މީހުން ރަފަހް ގައި އެބަ ތިބި ކަމަށް ލަފާކުރެވެއެވެ. އަނެއް ފަރާތުގައި އޮތީ ބަންދު ކޮށްފައި އޮތް މިސްރުގެ ބޯޑަރު ކަމުން ރަފަހް ގައި ތިބި މީހުން ފިލަން ދާނެ އެހެން ތަނެއް ނޯންނާނެއެވެ.

އިސްރާއީލުން ކޮންމެ ދުވަހަކު ބޮން އަޅަމުންދާ ރަފަހް އަށް އެއްގަމު މަގުން އަރައި ހަމަލާދޭން އިސްރާއީލުގެ އެންމެ އެކުވެރި އެެމެރިކާވެސް ވަނީ ދެކޮޅު ހަދާފައެވެ.

އެމެރިކާގެ އޭބީސީ ނިއުސްއަށް ދިން އިންޓަވިއުގައި ނަތަންޔާހޫ ބުނެފައިވަނީ ރަފަހް އަށް އެރުމުގެ ކުރިން ރަފަހް އިން އާންމުން ބާލަން ޖެހޭ ކަމާއި މެދު އެމެރިކާ އާއި އެއްބަސްވާ ކަމަށެވެ. ނަތަންޔާހޫ ބުނެފައިވަނީ ރަފަހް އަށް އަރާ އިރު އާންމުން ފައިބަން ރައްކާތެރި މަގެއް ދައްކާނެ ކަމުގައެވެ.

ނަމަވެސް އެއްކޮޅުން ބަންދު ކޮށްފައި އޮތް މިސްރު ބޯޑަރު އޮތް އިރު ވަގުތީ ޓެންޓުތަކުގައި ދިރިއުޅެމުންދާ އެހާ ގިނަ މީހުން ރަފަހް އިން ބޭލޭނެ ކަމާއި މެދު ޝައްކެވެ. އެކަމާއި މެދު ސުވާލު ކުރުމުން ނަތަންޔާހޫ ބުނެފައިވަނީ އެކަމާއި ގުޅިގެން ރޭވުންތައް ރާވަމުންދާ ކަމަށެވެ.

"ރަފަހްގެ އުތުރުގައި އަހަރެމެން ސާފުކޮށްފައި އޮތް ސަރަހައްދުގައި ބައިވަރު ތަން އޮންނާނެ." ނަތަންޔާހޫ ބުނެފައިވެއެވެ.

"އެއްވެސް ހާލެއްގައި ރަފަހް އަށް އަރައިގެން ނުވާނޭ ބުނާ މީހުން އެބުނަނީ ހަނގުރާމައިން ބަލިވާށޭ، އަދި ހަމާސް އެތަނުގައި ބައިތިއްބާށޭ." ނަތަންޔާހޫ ބުނެފައި ވެއެވެ.

މިހަފްތާ އިސްރާއީލުން ރަފަހް އަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު ރޭވެސް ވަނީ ރަފަހް އިން 25 މީހުން ޝަހީދު ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަޙުމަދު

    ޙަގީގީ ބާރުވެރި މުސްލިމުން ތިބިނަމަ، ތިކަމެއް ނުވާނެ، ނަމަވެސް މުސްލިމުންތިބީ ނަމެއްގައި އެއްވެސް އާރެއް ބާރެއްނެތް ބައެއްގެ އަޅުންގެ ގޮތުގައި ﷲއަށް އަޅުވެތި ވުމުގެ ބަދަލުގައި، ﷲއަށް ބިރުވެތިވުމުގެ ބަދަލުގައި، ބައެއްގައުމުތައް ދެކެ ބިރުގަނެ ޖެހިލުންވެފައި. ހައްދަވާ ބޮޑުކުރެއްވި ކީރިތި ވަންތަ މޫރިތި ވަންތަﷲ ފަލަސްތީނުގެ ލޮބުވެތި ތައްޔިތުނަށް ހުރިހާގޮތަކުން ނަޞްރާއި ކާމިޔާބު ދެއްވާނދެއެވެ. އާމީން

  2. Anonymous

    ތިއުޅެނީ ކަލޭމެންގެ ޒަމާންދާން މިފަހަރު ޢަރަބިން އަރާގަންނާނެ

    7
    1
  3. ހަރު ހުސްނީ

    އަމިއްލަ ފޭކު ގައުމުގެ ދައުލަތް ދަވާލި ކޮރަޕްޓު ވަގު ނަތައްޔާހޫ

    10
  4. Anonymous

    ޔާﷲ މިއަނިޔާވެރިޔާ ގެ މައްޗަށް ގަދަފަ ކޯފާއެއް ފޮނުއްވާ ނިކަމެތި މަރަކުން މަރުގަންނަވާން ދޭވެ އާމީން

    18
  5. ސ

    ޔާ އިލާހީ، މި ނުލަފާ އަނިޔާ ވެރިޔާގެ ކިބައިން ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ސަލާމަތް ކުރައްވާ ފާންދޭވެ. އަދި ވަރުގަދަ ކޯފާއެއް މިކަލޭގެ މައްޗަށް ފޮނުއްވާ މި ނުލަފާ ކަލޭގެ ހަލާކު ކުރައްވާ ފާންދޭވެ.

  6. ޑިމޮކްރަސީ

    ކަލޭ ކިތަންމެ ފުއްޕިައސް މަރުވާނެ ތިގަދަކަންދައްކަން ދުނިޔެއަކު ނުހުރެވޭނެ ކަލެއަކީ މިދުނިޔޭގަ އުފެދުނު އެންމުބައި އިނސާނާ އަދި ޖައްލާދެއް