ތުރުކީ ކައިރިން ކާގޯ ބޯޓެއް ބަންޑުން ޖަހާލައި، އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ހަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ތުރުކީން ސާޗް އެންޑް ރެސްކިއު އިން ބުނާ ގޮތުގައި އިސްތަންބޫލްގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ކާގޯ ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން އެ ބޯޓުން ދަތުރުކުރި ފަޅުވެރިން ވަނީ ގެއްލިފައެވެ. އަދި އެ ހަ ފަޅުވެރިން ހޯދުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ.

ރިޕޯޓްތައް ބުނާގޮތުން ތުރުކީގެ މުދާ އުފުލާ ބޯޓު ބަޓޫހާން އޭ އަކީ 69 މީޓަރު (226 ފޫޓު) ދިގު ބޯޓެކެވެ. މި ބޯޓު އަޑިޔަށް ދިޔައީ ސިމެންތި އުފެއްދުމަށް ބޭނުންކުރާ ޑޮލޮމައިޓް ތުރުކީގެ ޖެމްލިކް ބަނދަރަށް ގެންދަނިކޮށް ކަމަށް ޓްރާންސްޕޯޓޭޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުލްކާދިރު އުރަލޮގްލޫ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޯޓު އަޑިއަށް ދިޔަ ވަގުތު އެ ބޯޓުން އެމަޖެންސީ ސިގްނަލް ދިން ކަމަށާއި އޭގެ ފަހުން ބޯޓާއި ގުޅުން ކުނެޑުނު ކަމަށެވެ. އަދި ވަގުތުން ރެސްކިޔު ބޯޓުތައް އެ ސަރަހައްދަށް ފޮނުވުނު ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ސަރަހައްދަށް ދަތުރު ނުކުރެވިގެން ހެލިކޮޕްޓަރެއްގެ އެހީ ހޯދާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޯސްޓްގާޑުގެ ފަޅުވެރިންނަށް، އުޅަނދު އަޑިއަށް ގޮސްފައިވާ ކަމަށް ބެލެވޭ ސަރަހައްދުން ހުސް ލައިފް ރާފްޓެއް ފެނިފައިވާ ކަމަށް ތުރުކީގެ ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ގެއްލިނު ފަޅުވެރިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ގެއްލިގެން ހޯދަމުންދާ ހުރިހާ ފަޅުވެރިންނަކީ ތުރުކީގެ ރައްޔިތުން ކަމަށް ބެލެވެއެވެ. 2021 ވަނަ އަހަރު ތުރުކީގެ ހުޅަނގު އުތުރުގެ ކަނަކަލޭ ޕްރޮވިންސްގެ ބަނދަރަކާ ކައިރިވަމުން ދަނިކޮށް މި ބޯޓު ބަންޑުން ޖަހާލާ އެފަހަރުވެސް ބޯޓު މަރާމާތްކުރަން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.