ސްޕެއިންގެ އިރުމަތީ ސަރަހައްދުގެ ވެލެންސިއާގެ އެޕާޓްމަންޓް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މީހަކު މަރުވެ، 19 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި އިމާރާތަށް އަލިފާންގަނޑުގައި ވަނީ ފެތުރިފައެވެ. އަދި ރޯވެ އަނދަމުން ދިޔަ ބައިތައް ތިރީގައި ހުރި ޕޭވްމަންޓަށް ވެއްޓޭ މަންޒަރު ފެނިގެންދާއިރު، އެތެރޭގައި ކުދި ކުދި ގޮވުންތައް ގޮވުމުގެ އަޑު އިވުމުން ދެއެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ބައެއް މީހުން އެމީހުންގެ އެޕާޓްމަންޓްތަކުގެ ބެލްކަނިތަކުން އެހީއަށް އެދި ގޮވާފައި ވެއެވެ.

ސްޕެއިންގެ ތިންވަނައަށް އެންމެ ބޮޑު ސިޓީގެ މުއްސަނދި އަވަށެއްގައި ހުންނަ އެ އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާގައި ފުރަތަމަ ރޯވިއިރު، އެއަލިފާންގަނޑު އެހެން އެޕާޓްމަންޓްތަކަށް ފެތުރުނު އިމަޖެންސީ ސާވިސަސް އިން ބުނެފައި ވެއެވެ.

އެ އިމާރާތާއި ކައިރީގައި ހުރި ކްލިނިކެއްގައި މަސައްކަތް ކުރާ އެނާ މަރީ ގޮންޒާލޭޒް ދައުލަތުގެ ބްރޯޑްކާސްޓަރު ޓީވީއީއަށް މައުލޫމާތު ދެމުން ބުނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ތާށިވެފައި ހުރި ޒުވާން ފިރިހެން ކުއްޖަކު ސަލާމަތް ކުރުމަށް އަލިފާން ނިއްވާ މީހުން މަސައްކަތް ކުރާތަން ފެނުނު ކަމަށެވެ.

މި އަލިފާނުގެ ހާދިސާއެކު އަލިފާން ނިއްވުމުގެ 16 ޔުނިޓާއި ފަސް އެމްބިއުލާންސް އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް ލޯކަލް އިމަޖެންސީ ސާވިސްއިން ބުނެއެވެ. ރެސްކިއު ޓީމުތަކުން ބުނީ 19 މީހަކު ގެއްލިފައިވާ ކަމަށެވެ.

ވެލެންސިއާ ސަރަހައްދުގެ އިމަޖެންސީ ސާވިސަސްގެ ޑެޕިއުޓީ ހެޑް ޖޯޖް ސުއަރޭޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ހަތަރު މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި އިމާރާތް ހުރި ގޮތުން އެތެރޭގައި ރޯވި އަލިފާންގަނޑު ނިއްވާލަން ފުރުސަތު ނުލިބޭ ކަމަށާއި އަލިފާން ނިއްވާ ފަރާތްތަކުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އަލިފާންގަނޑު ފިނިކުރަން ކަމަށެވެ.

ސުއަރޭޒް ބުނީ އިމާރާތް ވެއްޓުމުގެ ނުރައްކާ މިވަގުތަށް ފެންނަން ނެތް ނަމަވެސް އަދިވެސް ސަލާމަތީ މިންގަނޑުތަކާ ހެދި އަލިފާން ނިއްވާ މީހުން ބޭރުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.