އިންޑިއާގެ އިރުއުތުރުގެ މަނިޕުރް ސްޓޭޓްގެ ވެރިރަށް އިމްޕަލްގެ ކޮލެޖެއްގައި ބޮމެއް ގޮވައި، އެކަކު މަރުވެ އިތުރު މީހަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.

އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލާ ރޭ ހިނގި އެ ހާދިސާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވާ ކަމަށް އިންޑިއާގެ ސަލާމަތީ އޮފިޝަލުން ވަނީ ބުނެފައެވެ.

"ސިޓީގައި ހުރި ކޮލެޖެއްގެ ކެމްޕަސްގައި (ޑީއެމް ކޮލެޖް ކެމްޕަސް ގައި) އައިއީޑީ ގޮއްވާލާފައި ވަނީ. އެކަކު ވަނީ މަރުވެފައި، އަދި އިތުރު މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން." އޮފިޝަލަކު ބުނެފައި ވެއެވެ.

ގަބީލާތަކަށް ދޭ އިގުތިސޯދީ ފައިދާތަކާއި ކޯޓާތައް ބެހުމުގެ މައްސަލައިގައި މަނިޕޫރްގެ މެޖޯރިޓީ މެއިތެއި ނަސްލުގެ މީހުންނާއި މައިނޯރިޓީ ކޫކީ ނަސްލުގެ މީހުންނާއި މެދު މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން އަންނަނީ ވަރުގަދަ ހަމަނުޖެހުންތައް ހިނގަމުންނެވެ. އެެ ހަމަނުޖެހުންތަކުގައި މިހާތަނަށް 200 އާއި ގާތްކުރާ އަދަދަކަށް ވަނީ މީހުން މަރުވެފައެވެ.

މެއިތެއި ނަސްލުގެ މީހުން ދިރިއުޅޭ އިމްޕަލް ގައި އޭރުއްސުރެ ވަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގާފައެވެ.

ރޭ ގެ ހާދިސާގައި ބޮން ގޮއްވާލާފައި ވަނީ ޑީއެމް ޔުނިވާސިޓީ ކެމްޕަސްގެ ތެރޭގައި ހުންނަ ދަރިވަރުންގެ ޖަމިއްޔާއެއް ކަމަށްވާ އޯލް މަނިޕޫރް ސްޓޫޑެންޓްސް ޔޫނިއަންގެ އޮފީހުގައެވެ. އެ ހާދިސާގައި ޒަހަމްވި ދެ މީހުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، ޒަހަމްތަކުގެ ސަބަބުން އޭގެ ތެރެއިން އެކަކު މަރުވީ ހޮސްޕިޓަލުގައި ކަމަށް އޮފިޝަލުން ވަނީ މައުލޫމާތު ދީފައެވެ.

ހާދިސާގެ ފަހުން ރޭ މެންދަމު މެއިތެއިގެ މަސްލަހަތު ތަމްސީލު ކުރާ އިޖުތިމާއީ ޖަމިއްޔާއެއްގެ އޮފީހުގައި ވަނީ ހުޅު ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު