ކެއުމަށް ފަތްޕިލާވެލި ހޮވަން އުޅުނު ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮަށްލައިފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ބަނޑުހައި ހޫނުކަމުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުންދާއިރު، އެ ނިކަމެތިކަންމަތީގައި މި ދުނިޔެ ދޫކުރަމުންދާ މީހުންވެސް މަދެއް ނޫނެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނި ގޮތުގައި ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ހަނޫންގައި އިސްރާއީލު ސިފައިން ކެއުމަށް ފަތްޕިލާވެލި ހޮވަން އުޅުނު ބަޔަކަށް ބަޑީގެ ހަމަލާތަކެއް ދީފައެވެ.

އެ ހަމަލާގައި އާންމުންގެ ތިން މީހަކު ޝަހީދުވެ، ހަތް މީހަކު ޒަހަމްވެފައިވާ ކަމަށް ނިއުސް އެޖެންސީން ބުނެފައި ވެއެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގައި ވެސް އިސްރާއީލުން އެންމެ ފަހުން ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ 10 މީހުން ޝަހީދުވެ ފަސް މީހަކު ޒަހަމްވި ކަމަށް ވަފާ އިން ރިޕޯޓްކޮށްފައިވެއެވެ.

މުޅި ޣައްޒާގައި ބަނޑުހައިހޫނުކަން ވަނީ ފެތުރިފައެވެ. އެހީ ހިފައިގެން އެ ސަރަހައްދުތަކަށް އުޅަނދުތައް ދަނީ ކައިރިވަމުންނެވެ. އެހެން ނަމަވެސް އެހީ ބަލާ އެއްވާ މީހުންނަށް އަމާޒުކޮށް ފާއިތުވި ދުވަސްތަކުގައި އިސްރާއީލު ސިފައިން ދަނީ ހަމަލާ ދެމުންނެވެ.

ފަލަސްޠީނުގެ އޮފިޝަލުން ވަނީ ޣައްޒާގެ ހުރިހާ ސަރަޖައްދަކަށް އެކަށީގެންވާ އިންސާނީ އެހީ ނުލިބިއްޖެނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އެތައް ހާސް ބަޔަކު ދުނިޔެ ދޫކޮށްފާނެ ކަމުގެ އިންޒާރު ދީފައެވެ.