ފަލަސްތީނުގެ ދީރް އަލް ބަލާހްގެ ގެއަކަށް ދިން ހަމަލާއެއްގައި 15 މީހުން ޝަހީދުވިތާ ގަޑިއިރުތަކެއް ފަހުން އިސްރާއީލު ސިފައިން ފަލަސްތީނުގެ ރަފަހްގެ ޓެންޓަކަށް ހަމަލާދީ 11 މީހުން ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާ އަރަބިކް އިން ބުނީ މި ހަމަލާ ދީފައިވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީގެ ހުޅަނގު ފަރާތުގައި ހުންނަ ތާލް އަލް ސުލްތާން ހޮސްޕިޓަލް ކައިރީގައި ކަމަށެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިއަކު ވެސް ހިމެނޭ ކަމަށެވެ.

މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ވެފައި ނުވާ ކަމަށް އަލްޖަޒީރާ އަރަބިކް އިން ބުނެފައި ވެއެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަފާ ސިޓީގެ ތަލް އަލް ސުލްޠާންގައި ހުންނަ އެމިރާތީ މެޓާނިޓީ ހޮސްޕިޓަލްގެ ދޮރުކައިރީގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއްގައި 11 މީހުން ޝަހީދުވެ 50 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އެ ހަމަލާގައި ޝަހީދުވި ސިއްހީ ހިދުމަތްތެރިއާއަކީ އެ ހޮސްޕިޓަލުގެ ޕެރަމެޑިކް ޔުނިޓްގެ ވެރިޔާ އަބްދުލް ފައްތާހު އަބޫ މާހީއެވެ.

އަދި ޒަހަމްވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.