ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 30،410 އަށް އަރައިފިއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 30،410 އަށް އަރާފައިވަނީ ފާއިތުވި 24 ގަޑިއިރު ޝަހީދުކޮށްލި 90 މީހުން ހިމެނިގެންނެވެ.

ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ދިން ހަމަލާގައި 90 މީހަކު ޝަހީދުވެފައިވާއިރު، އިތުރު 117 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިއާއި އެކީ ޣައްޒާއިން އެކިވަރުގެ ޒަހަމްތައް ލިބުނު މީހުންގެ އަދަދު ވެސް ވަނީ 71،700 އަށް އަރާފައެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުން އަންނަ ހަމަލާތަކަކީ އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެކެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ޝަހީދުވެފައިވި ނަމަވެސް، ނިރުބަވެރިން ބުނެފައިވަނީ އެހަމަލާތަކަކީ އެއީ އާންމުންނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެއް ނޫން ކަމަށެވެ.

އަދި ދާދި ފަހުން ޣައްޒާގައި އެހީ ހޯދުމަށް ކިޔު ހަދައިގެން ތިއްބާ ގިނަ ބަޔަކު ޝަހީދު ކޮށްލި ހާދިސާއާއި ގުޅިގެން ވެސް ނިރުބަވެރިން ބުނެފައިވަނީ އިސްރާއީލުން ގަސްތުގައި އާންމުންނަށް އަނިޔާއެއް ނުދޭނެ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރާނެ ކަމަށެވެ.