ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް ކަމަށްވާ އިސްރާއީލުން ލުބުނާން ގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ އަމާޒުތަކަށް ހަމަލާ ދީފިއެވެ.

ލުބުނާންގެ ނޫހެއް ކަމަށްވާ ނޭޝަނަލް ނިއުސް އެޖެންސީ އިން ބުނެފައިވަނީ ރޭގެ ވަގުތެއްގައި އިސްރާއީލުގެ ވައިގެ އަސްކަރިއްޔާގެ ހަނގުރާމަ މަތީ މަތިންދާބޯޓު ތަކުން ވަނީ ލުބުނާންގެ ދެކުނުގައިވާ އަވަށެއް ކަމަށްވާ އައިޓާ އަލް ޝާބް ގެ އުތުރަށާއި މެދު ތެރޭގެ ސަރަހައްދަށް ހަމަލާތަކެއް ދީފައި ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން މި ހަމަލާތައް ދީފައި މިވަނީ ހިޒްބުﷲ އިން އިސްރާއީލުގެ ސިފައިން މައުންޓް ނެޒަރް ގައި ބޭއްވި ހަފްލާއަކަށް ހަމަލާ ދިނުމުންނެވެ. ހިޒްބުﷲ އިން ދިން ހަމަލާގައި އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވި ކަމެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ އިއްޔެއާއި އިއްޔެ ރޭ ހިމެނޭގޮތަށް އިސްރާއީލުގެ އަނިޔާވެރިންނަށް އަމާޒު ކޮށްގެން އެ ޖަމާއަތުން 6 ހަމަލާ ދީފައިވާނެ ކަމަށެވެ. އެ ހަމަލާ ތަކުގެ ތެރެއިން 3 ހަމަލާ އަކީ މިސައިލް ބޭނުން ކޮށްގެން ދީފައިވާ ހަމަލާތަކެއް ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާ ގައި ފެށި ހަނގުރާމައާއި ގުޅިހެން ހިޒްބުﷲ އާއި އިސްރާއީލާއި ދެމެދުވެސް ވަނީ ހަމަލާތައް ބަދަލު ކުރަން ފަށާފައެެވެ. އޭގެ ތެރެއިން ގިނަ ހަމަލާތައް އިސްރާއީލުން ދީފައިވަނީ ލުބުނާނުގެ އުތުރުގެ ސަރަހައްދު ތަކަށް ނަމަވެސް މިފަހުން އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނަށްވެސް ހަމަލާ ދޭން ފަށާފައެވެ. ހިޒްބުﷲ އިންވެސް ވަނީ އިސްރާއީލަަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފައެވެ.