ލުބުނާންގައި ހަރަކާތްތެރި ވަމުން އަންނަ ހަނގުރާމަމަތީ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން އިސްރާއީލުގެ އަމާޒުތަކަށް ހަމަލާތަކެއް ދީފައިވާނެ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ އެ ޖަމާއަތުން ވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަސްކަރިއްޔާގެ އެކި އަމާޒުތަކަށް ހަމަލާދީފައި ކަމަށެވެ. އެގޮތުން ޚިބްރެތް މާރު ގައި މަރުކަޒުވެ ތިބޭ އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިންނަށް އަމާޒުކޮށްގެން ހަމަލާދީފައިވާނެ ކަމަށްވެސް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ކަފްރް ޝުބާ ފަރުބަދައިގެ މަތީގައި ހުުންނަ އިސްރާއީލުގެ މަރުކަޒަށް ވެސް ހަމަލާތަކެއް ދީފައިވާނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ. އެ މަރުކަޒަކީ އިސްރާއީލުގެ އަސްކަރިއްޔާ އިން ލުބުނާނާއި އިސްރާއީލުގެ ސަރަހައްދީ އިމުގައި، ޖާސޫސީ ހަރަކާތް ތަކަށް ބޭނުން ކުރަމުންދާ މަރުކަޒެއް ކަމަށް ވެސް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.

ހިޒްބުﷲ އިން މިއަދު ވަނީ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ އިސްރާއީލުގެ އަސްކަރީ ޑުރޯނަކަށް ވެސް ހަމަލާދީ އެ ޑުރޯން ވެސް ހަލާކު ކޮށްލާފައެވެ.

ހިޒްބުﷲ އާއި އިސްރާއީލުގެ އަސްކަރިއްޔާ އާއި ދެމެދު ހަމަލާތައް ބަދަލުކުރެވެން ފެށުމާއި އެކީ ލުބުނާނާއި އިސްރާއީލުގެ ބޯޑަރާއި ކައިރި ސަރަހައްދުގެ އަވަށް ތަކުގައި ދިރިއުޅެމުންދާ އެތައް ހާސް ރައްޔިތުންނަށް ވަނީ އެމީހުންގެ ރައްކާތެރިކަމަށްޓަކައި ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.

އިސްރާއީލުން ދެކޭ ގޮތުގައި ހިޒްބުﷲ އަކީ ނިރުބަވެރި ޖަމާއަތެކެވެ. އަދި އެ ޖަމާއަތަކީ އެއްވެސް ގޮތަކަށް ސަރަހައްދީ ސުލްހައަށް ލޯބި ކުރާ ޖަމާއަތެއް ނޫން ކަމަށް އިސްރާއީލުން ބުނަމުންދާއިރު އެ ޖަމާއަތަށް އަސްކަރީ ގޮތުން އެހީތެރިކަން ދެނީ އިރާނުން ކަމަށް ވެސް އިސްރާއީލުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙުސައިން

    ޚަބަރުތައް، ހުރިގޮތަށް ގެނައިމަ ކަމަކުނުދޭ، ހަގުރާމަ ކޮށް ސުލްހައަށްް ހުރަސްއަޅަނީ އިސްރާއީލުން، ހިޒްބުﷲއެއް ނޫން

  2. ޖޫނި

    ހަމަލަ ދިނީ ލުބްނާނުންނޭ ބުނުމުން ހީވަނީ ހަމަލަ ދިނީ ލުބްނާނުގެ ރަސްމީ ފަރާތަކުން ނުވަތަ އެތާނގެ ސަރުކާރުގެ ކޮންމެވެސް ފަރާތަކުން ނުވަތަ ލުބްނާނުގެ ސިފައިންނޭ. އެހެންވީމާ އެއީ ލުބްނާނުގެ ރައްޔިތު އެންމެންގެ ފަރާތުން ދިން ހަމަލަޔެކޭ. އެކަމަކު ހަމަލަ ދިނީ ލުބްނާނުގެ ސިފައިންނަށްވެސް އަދި ސަރުކާރަށްވެސް މައިތިރިނުވެގެން އުޅޭ އަދި ރަސްމީކޮށް ރަޖިސްޓަރީވެސް ނުވެ އުޅޭ ހަމާސް ކިޔާ ސިޔާސީ/ހަނގުރާމަވެރި ޖަމާއަތަކުން. އެހެންވީމާ ހަމަލަ ދިނީ ހަމާސްއިންނޭ ބުނުން ރަނގަޅީ