ފަލަސްތީނުގެ ޣައްޒާގައި ބަނޑުހައިހޫނުކަމާ ހުރެ، އިތުރު ދެ ކުޑަކުއްޖަކު ޝަހީދުވެއްޖެއެވެ.

މިއާއެކު، ޣައްޒާ އިން ބަނޑުހައި ހޫނުކަމުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 27 އަށް އަރައިފައެވެ. އޭގެ ތެރޭގައި ގިނައީ ވެސް ކުޑަކުދިންނެވެ.

ފަލަސްތީނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ދެ ކުއްޖަކު ޝަހީދުވެފައިވަނީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލްގައެވެ. އެ ކުދިން ޝަހީދުވީ ބޯނެ ފެން ފޮދެއް އަދި ކާނެ އެއްޗެއް ނުލިބި ބަނޑުހައިހޫނުކަމުގެ ތެރޭގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނު ކަމުގެ ތެރޭގައި އުޅޭ މީހުންގެ އަދަދު އިންތިހާ އަށް ވަނީ އިތުރުވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ކޮންމެ ހަ ކުޑަކުދިންގެ ތެރެއިން އެއް ކުއްޖަކު ހުރީ ބަނޑުހައި ހޫނު ކަމުގެ ތެރޭގައެވެ.

ޣައްޒާގެ އުތުރުގައި ތިބި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 300،000 އަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 30،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، 70،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ވެފައެވެ.

ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހަމަލާތައް ފެށުނުފަހުން ޣައްޒާގެ އުތުރަށް ބޯފެނާއި ކަރަންޓުގެ ހިދުމަތް ދިނުން އިސްރާއީލުން ހުއްޓާލާފައި ވާއިރު އެ ސަރަހައްދުގެ ހާލަތު މިހާރުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިންސާނީ އެހީދޭ ޖަމާއަތްތަކުން ހާމަކޮށްފައިވާ ގޮތުގައި ކުރިއަތް އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް ފެނާއި ކާބޯތަކެތި ނުލިބިއްޖެނަމަ، އެ ސަރަހައްދުގައި ދިރިއުޅެމުންދާ އެތައްހާސް ކުޑަކުދިންނެއް ބަނޑަށްޖެހިގެން މަރުވުމުގެ ބިރު އިންތިހާއަށް އެބައޮތެވެ.