ރަޝިއާ އާއި ޔޫކުރޭނުގެ ހަނގުރާމައަށް 3 އަހަރަށް އަޅާފައިވާ އިރު ޔޫކުރޭނުގެ އަސްކަރިއްޔާ އިން ހަތިޔާރު ހުސްވަމުންދާ ކަމުގެ ކުލަ މަތި ދަނީ ފެންނަމުންނެވެ.

އެގޮތުން ޔޫކުރޭނުގެ އަސްކަރިއްޔާގެ އިސްވެރިންނާއި ސިފައިން ވެސް ވަނީ ހަތިޔާރު ލިބުމުގައި ދަތިތަކެއް ހުރިކަމުގެ ޝަކުވާ ކޮށްފައެވެ. މި ކަންބޮޑުވުން ތަކަށް ހައްލެއް ހޯދުމަށް ޓަކައި ޔޫކުރޭނުގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ވަނީ ޔޫކުރޭނަށް އަސްކަރީ އެހީ ހޯދުމަށްޓަކައި ވަރަށް ގިނަ ގައުމަތަކަށް ދަތުރުކޮށް އެހީ އަށް އެދިފައެވެ. އެމެރިކާގެ ސިޔާސީ މަޝްރަހު އޮތް ގޮތުން އެމެރިކާ އިން ދޭ އަސްކަރީ އެހީތައް މި ވަގުތަށް ހުއްޓިފައިވީ ނަމަވެސް ޔޫރަޕިއަން ޔޫނިއަން އިން ވަނީ ޔޫކުރޭނަށް އެހީ ފޯރުކޮށްދޭން ނިންމާފައެވެ.

ޔޫކުރޭނަށް އެހީތައްދޭން ވަރަށް ގިނަ ގައުމުތަކުން ވަނީ އެއްބަސް ވެފައެވެ. ނަމަވެސް އަސްކަރީ އެހީތައް ފޯރުކޮށްދޭން ލޮޖިސްޓިކް ދަތިތަކެއް ހުރުމުންނާއި، ގައުމުތަކުގެ ރަސްމީ އިދާރާތަކުގައިވެސް ލަސް ކަމެއް އުޅުމުގެ ސަބަބުން މި އެހީތައް ޔޫކުރޭނަށް ލިބުމުގައި ލަސްތަކެއް ވާނެ ކަން ހުދު ޔޫކުރޭން ވެސް ގަބޫލުކުރެއެވެ.

ނަމަވެސް ރަޝިއާ އޮތީ ޔޫކުރޭނަށް ހަތިޔާރު ލިބުމުން ހަނގުރާމަ ކުރަން އިންތިޒާރުގައެއް ނޫނެވެ. ރަޝިއާގެ ފައުޖުތައް ކުރިއަށް ޖެހެމުން ދާއިރު ޔޫކުރޭނަށް މިހާރު މަޖުބޫރު ވެފައިވަނީ އެ ގައުމުގެ އަސްކަރީ ގުދަންތަކުގައި ހުރި ސޯވިއެޓް ޔޫނިއަން ޒަމާނުގެ ހަތިޔާރު ވެސް ބޭނުން ކޮށްގެން ރަޝިއާގެ ލަޝްކަރު ހުއްޓުވުމަށް މަސައްކަތް ކުރުމަށެވެ.

އެގޮތުން ރަޝިއާ އާއި ދެކޮޅަށް ހަމަލާތައް ދިނުމަށް މިފަހަރު ޔޫކުރޭނުން ބޭނުން ކުރަން ފަށާފައިވަނީ 45 އަހަރުވެފައިވާ ސޯވިއެޓް ޓީ - 143 ޑްރޯންތަކެވެ. އެ ޑްރޯން ތަކަކީ މީގެ 40 އަހަރު ކުރިން ސޯވިއެޓް ޔޫނިއަން އިން ބޭނުން ކުރުން ހުއްޓާލާފައިވާ ޑްރޯންތަކެކެވެ. އެ ޑުރޯން ތަކަކީ ދެވެލި ބާރު ޑްރޯން ތަކެއް ނަމަވެސް އެއީ ބޭނުން ކުރަން ވަރަށް އުދަނގޫ ޑްރޯންތަކެއް ކަމަށް އަސްކަރީ މާހިރުން ބުނެއެވެ.

ބަރުދަނުގައި 7 ޓަނު އަދި ދިގު މިނުގައި 47 ފޫޓް ހުންނަ އެ ޑްރޯނަކީ އެތައް ސަތޭކަ ކިލޯގެ ގޮވާތަކެތި އުފުލުމުގެ ގާބިލް ކަން ލިބިގެންވާ ޑުރޯނެކެވެ. ލަފާކުރެވޭ ގޮތުގައި މި ޑުރޯން ޔޫކުރޭނުން ބޭނުން ކުރާނީ ރަޝިއާ-ޔޫކުރޭނު ބޯޑަރު ކައިރީގައިވާ ރަޝިއާގެ ތެޔޮ ވަޅު ތަކަށް ހަމަލާދިނުމަށް ކަމަށް އަސްކަރީ މާހިރުން ވަނީ ބުނެފައެވެ.