ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣަައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި އިތުރު 72 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުން ޣައްޒާއަށް ކުރި ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 32،142 އަށް އަރާފައިވާ ކަމަށެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 74،412 މީހުން ވަނީ ޒަޚަމްވެފައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކުގެ ތެރޭގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި 72 މީހަކާއި ޒަހަމްވި 114 މީހުން ހިމެނޭ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހާލުގައި ޖެހުނު އެތައް ބަޔަކު އަދިވެސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އެތައް ބަޔަކު ތިބިއިރު، ރެސްކިއު ޓީމްތަކަށް އެމީހުންނާ ހަމައަށް އަދި ދެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ހުރިވަރަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ އެތައް ތަނެއް ވަނީ ސުންނާފަތިވެފައެވެ. ޣައްޒާގެ އެތައް ރައްޔިތުން ވަރަށް ހާލުގައި އުޅެމުންދާއިރު، ބަނޑުހައި ހޫނު ކަމުގައި އުޅެމުންދާ އެތައް ހާސް ބަޔަކު އެބަތިއްބެއެވެ. އަދި ބަނޑުހައި ހޫނު ކަމުގައި ދުނިޔެ ދޫކުރަމުންދާ މީހުންގެ އަދަދު މަދެއް ނޫނެވެ.