ފަލަސްތީނުގެ ޣައްޒާގައި ހަމާސްގެ ހިތްވަރުގަދަ މުޖާހިދުން ޔަހޫދީންގެ އަސްކަރިއްޔާގެ ނިރުބަވެރި ސިފައިންގެ މީހަކު މަރާލައިފިއެވެ.

ޔަހޫދީންގެ އަސްކަރިއްޔާ އިން ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ ޚާން ޔޫނިސްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ޔަހޫދީންގެ އަސްކަރިއްޔާގެ ސިފައިންގެ މީހެއް މަރުވެފައިވާ ކަމަށެވެ. ޚާން ޔޫނިސްގައި މަރުވެފައިވަނީ އުމުރުން 21 އަހަރުގެ ސްޓާފް ސާޖަންޓް ނިސިމް ކަޗްލޮން އެވެ.

ސްޓާފް ސާޖަންޓް ނިސިމް ކަޗްލޮން ނިސްބަތް ވަނީ ޔަހޫދީންގެ އަސްކަރިއްޔާގެ ގިވާތީ ބުރިގޭޑްގެ ރޮޓެމް ބެޓާލިއަނަށެވެ. މި ބެޓާލިއަނަކީ ޔަހޫދީން ޣައްޒާގެ ޚާން ޔޫނިސް އަވަށުގައި ހަމާސްގެ މުޖާހިދުންނާއި ހަނގުރާމަ ކުރަމުންދާ ބެޓާލިއަން އެކެވެ.

ޔަހޫދީން ހަނގުރާމަ ކުރަމުންދަނީ އެންމެ ފަހުގެ ހަތިޔާރާއި ޓެކްނޮލޮޖީ ބޭނުން ކޮށްގެނެވެ. ނަމަވެސް ހަމާސް ޖަމާއަތުގެ ހިތްވަރު ގަދަ ޒުވާން މުޖާހިދުން ދަނީ ޔަހޫދީންގެ އަނިޔާވެރި ކޮންމެ ހަމަލާއަކަށް ރައްދުގައި ހަމަލާ ދެމުންނެވެ. ޔަހޫދީން އުއްމީދު ކުރިހާ އަވަހަށް އެމީހުންނަށް ޣައްޒާގައި ކުރިއަކަށް ނުދެވެއެވެ. ހަމާސްގެ މުޖާހިދުން ދަނީ އެމީހުންނާއި ހިތްވަރާއި އެކީ ހަނގުރާމަކޮށް އެމީހުންގެ ހިތް ތަކުގައި މަރުގެ ބިރުވެރިކަން އަށަގަންނުވަމުންނެވެ.

ޔަހޫދީ އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ ގައި ހަނގުރާމަ ފަށައި އެ އަށްފަހު އެއްގަމު މަގުން ޣައްޒާ އަށް އަރައި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން ވަނީ ނިރުބަވެރި ޔަހޫދީންގެ 253 ސިފައިން މަރާލާފައެވެ.

ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ 32،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.