ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ކުރިމަތިވެފައިވާ ބަނޑުހައި ހޫނުކަމުގެ ސަބަބުން އުމުރުން އެންމެ ހަ އަހަރުގެ ކުއްޖަކު ދުނިޔެ ދޫކޮށްފިއެެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން ޣައްޒާއަށް ބޭނުންވާ މިންވަރަށް އެހީ ނުލިބި އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން ހަ އަހަރުގެ މުހައްމަދު ނައީމް ނައްޖާރު ޝަހީދުވެފައި ވަނީ ޣައްޒާގެ އުތުރުގައި އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި ހަށިގަނޑަށް އެކަށީގެންވާ ފެން ނުލިބުމުގެ ސަބަބުންނެވެ.

ޣައްޒާ އިން ބަނޑުހައި ހޫނުކަމުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 30 އާ ގާތް ކުރާނެއެވެ. އޭގެ ތެރޭގައި ގިނައީ ވެސް ކުޑަކުދިންނެވެ.

ބަނޑުހައިހޫނުކަމާއި ބަލީގެ ސަބަބުން ޣައްޒާގައި ދުނިޔެ ދޫކުރާ މީހުންގެ އަދަދު ވަރަށް އަވަހަށް، ބޮމާއި ބަޑީގެ ހަމަލާގެ ސަބަބުން ޝަހީދުވާ މީހުންގެ އަދަދަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.