އިސްރާއީލް ރައްޔިތުން ލޭ ހަދިޔާ ކުރަން ގޮވާލައިފިއެވެ.

ޓައިމްސް އޮފް އިސްރާއީލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން ހަމަލާ ދިނުމާއި ގުޅިގެން އެ ގައުމަށް ދިމާވެފައިވާ ރައްކާތެރިކަމުގެ ހާލަތާއި ގުޅިގެން މެގަން ޑޭވިޑް އެޑަމް ބްލަޑް ސާވިސްއިން ވަނީ ލޭ ހަދިޔާ ކުރުމަށް ރައްޔިތުންނަށް ގޮވާލާފައިވެއެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ތެލް އަވީވް އާއި ޖޫރިސަލަމްގައި ސްޓޭޝަންތަކެއް މިއަދު ހުޅުވާފައ ހުންނާނެ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެއެވެ.

ޖޫރިސަލަމްގައި ލޭ ހަދިޔާ ކުރާ ސްޓޭޝަން މިއަދު އިރުއޮއްސި 6:00 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށާއި ތެލް އަވީވްގައި ލޭ ހަދިޔާ ކުރާ ސްޓޭޝަން ހުޅުވާފައި ހުންނާނީ އެ ގައުމަށް މެންދުރު 3:00 އިން ރޭގަނޑު 8:30 އަށް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްކޮށްފައިވާ ގޮތުގައި މެގަން ޑޭވިޑް އެޑަމް ސާވިސްއިން އޯ ނެގެޓިވް ލޭ ހުރި ފަރާތްތަކަށް ހާއްސަކޮށް ލޭ ދިނުމަށް އަންގާފައިވާ ކަމަށެވެ. ލޭ ހަދިޔާ ކުރުމަށް އަންގާފައިވަނީ އެ ގައުމަށް ދިމާވެދާނެ އެމާޖެންސި ހާލަތަކަށް ތައްޔާރުވެ ތިބުމަށް ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

ސީރިއާގެ ވެރިރަށް، ދިމިޝްގައި ހުންނަ އިރާންގެ ކޮންސިއުލޭޓަށް ދިން ހަމަލާގައި އިރާންގެ ރިވޮލިއުޝަނަރީ ގާޑްގެ ޖެނަރަލަކާއި ސިފައިންތަކެއް މަރާލި މައްސަލައާ ގުޅިގެން އިރާނުން ވަނީ އިސްރާއީލަށް ވަރުގަދަ މިސައިލް ހަމަލާތަކަކާއި ޑްރޯން ހަމަލާތަކެއް ރޭ ދީފައެވެ.