މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންުޔާހޫ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވީ އިރާނުން ދިން ހަމަލާއާއި އަދި މެދުއިރުމަތީގެ މަޝްރަހު ގޯހުން ގޯހަށް ދިޔުމުގެ ޒިންމާ އެންމެ ބޮޑަށް ނަގަންޖެހޭނީ އިސްރާއީލުގެ ސަރުކާރުންނާއި އެ ގައުމުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ކަމަށެވެ.

" އިސްރާއީލުން މަސައްކަތް ކުރަމުންދަނީ މެދުއިރުމަތީގެ މަސްލަހަތު ނަގާލަން. ސީރިއާގައި ހުރި އިރާނުގެ ކޮންސިއުލޭޓަށް ހަމަލާދިނުމަކީ ހަމަ އިރާނަށް ހަމަލާދިނުން،" ތުރުކީގެ ވެރި ރަށް އަންކާރާގައި ކެބިނެޓް ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް އުރުދުޣާން ވިދާޅުވިއެވެ.

ރައީސް އުރުދުޣާން ވިދާޅުވީ ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި ސިފައިން ރަހުމުކުޑަ ހަމަލާތައް ދެމުންދާހާ ހިނދަކު މެދުއިރުމަތީގައި ސުލްހަ ގާއިމުކުރަން އުނދަގޫ ވާނެ ކަމަށާއި އަދި މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތައް އުފެދުން ވެސް އެކަށީގެންވާ ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުން އިރާނުން އިސްރާއީލަށް ދިން ހަމަލާ ކުށްވެރި ކޮށްފައި، އިސްރާއީލުން ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ކުށްވެރި ނުކުރާތީ އުރުދުޣާން ވަނީ ހުޅަނގުގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މެދުއިރުމަތީގެ ސުލްހަ އާއި ހަމަޖެހުމަށް ހުރިހާ ފަރާތްތަކުން ވެސް ހަމަ ބުއްދި ގެންގުޅެން އެބަ ޖެހޭ. ރަނގަޅަށް ކަންކަމާއި މެދު ވިސްނުމަށް ފަހު ނޫނީ ފިޔަވަޅެއް ނޭޅުން ރަނގަޅީ." އިސްރާއީލު އަދި އިރާނަށް އިޝާރާތް ކުރައްވައި އުރުދުޣާން ވިދާޅުވިއެވެ.

އިރާނުން ވަނީ މުޅި ދުނިޔެ ސިއްސުވާލާ އިސްރާއީލަށް ވަރަށް ވަރުގަދަ ހަމަލާއެއް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދީފައެވެ. އިރާނުގެ މިސައިލްގެ ވާރޭ ހުއްޓުވީ އެމެރިކާ، އިނގިރޭސިވިލާތް އަދި އުރުދުންގެ އަސްކަރީ ޖެޓްތަކުންނެވެ. އިސްރާއީލްގެ މަޝްހޫރު އަޔަން ޑޯމް ވައިގެ ސަލާމަތީ ނިޒާމު ފޫ އަޅުވާލައި އިރާނުގެ ބައެއް މިސައިލްތައް ވަނީ އިސްރާއީލްގެ އަމާޒުތަކަށް އަރާފައެވެ.

ޔަހޫދީ އިސްރާއީލުން މިއަދު ވެސް ބުނެފައިވަނީ އިރާނުގެ ހަމަލާތަކުގެ ރައްދު އިސްރާއީލުން ވަރަށް ގަދައަށް ދޭނެ ކަމަށެވެ. ނަމަވެސް ހަމަލާދޭނެ ވަގުތެއް އިސްރާއީލްގެ ވެރިން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނީލާން

    ނަތިންގ ޔާ ހޫ. އައުޓް

  2. އަހަންމަދު

    އިޒުރޭލު އެންމެން އެމެރިކާގެ ހުސްބިންތަކަށް ގެންގޮސްބަލަ.
    މިކަމަށް ގޮވާލާނެ މުސްލިމު ދައުލަތެއް ނެއްތަ؟

  3. އއއ

    ތި ބޮޑު ފިނޑި މުނާފިގެއް!އިޒްރޭލުގެ ވާގިވެރިއެއް .

  4. ގަމާރު

    އުރުދުގާނަށް ވާނީ އަނގައިން.. ކަމެއް ކުރަން ކެރޭ މީހެއް ނޫން ތިޔަކީ.. ދެން އެވީ ވަގު ވަގަށް އިސްރާއީލަށް ހަތިޔާރުވިއްކްން..