ސޯޝަލް މީޑިއާ އެކްސް ބްލޮކް ކުރީ ޕާކިސްތާނުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އަށް ވަނުން ހުއްޓުވާފައި ވަނީ ފެބްރުއަރީ މަހު ބޭއްވި އިންތިހާބާއި ގުޅިގެން ގައުމީ ސަލާމަތާ ބެހޭ ކަންބޮޑުވުންތައް ހުރުމުން ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެއެވެ.

ކުރިން ޓްވިޓާގެ ނަމުން މަޝްހޫރު ޕްލެޓްފޯމް ބޭނުންކުރުމުގައި މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އާންމުން ދަނީ ބުނަމުންނެވެ. ފެބްރުއަރީ މަހު ޕާކިސްތާނުގައި ބޭއްވި އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވި ވާހަކައެއް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވުމާއި ގުޅިގެން ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީން ވަނީ މުޒާހަރާކޮށްފައެވެ.

ސޯޝަލް މީޑީއާ މެދުވެރިކޮށް އިންތިހާބަށް ނުފޫޒުފޯރުވާނެ ކަމުގެ ބިރު އޮތުމުން އެކްސް ބޭނުން ކުރުން މަނާކޮށް އެ މީޑިއާ ބްލޮކްކޮށްލީ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. މިކަމާއި ދެކޮޅު ހަދާ ފަރާތްތަކުން ބުނާގޮތުން މިއީ ފެބްރުއަރީ 8 ވަނަ ދުވަހު އޮތް އިންތިހާބަށް ނުފޫޒު ފޯރުވައި އިންތިހާބު އޮޅުވާލުމަށް ސަރުކާރުން ޖެއްސި ޖަރީމާއެއް ކަމަށެވެ. އަދި މިއީ ޕާކިސްތާނުގެ ޖާސޫސީ އިދާރާތަކުން ހެދި ސިއްރު ރިޕޯޓަކާއި ގުޅިގެން އެޅި ފިޔަވަޅެއް ކަމަށްވެސް ވަނި ތުހުމަތުކޮށްފައެވެ.

މި އިންތިހާބު އޮތް ދުވަހު މޯބައިލް ފޯނު ބޭނުން ކުރުން އެ ގައުމުން ވަނީ މަނާކޮށްފައެވެ.

އެކްސް ސަސްޕެންޑް ކުރަން ނިންމި ނިންމުމާ ގުޅިގެން ސިންދު ހައިކޯޓުން ވަރަށް ބޮޑަށް ފާޑުކިޔައި، އެއް ހަފްތާގެ ތެރޭގައި އެ ޕްލެޓްފޯމް އަލުން ގާއިމް ކުރުމަށް ސަރުކާރަށް އަންގާފައިވެއެވެ.

އެކަމާއި ގުޅިގެން ހުށަހެޅުނު ޕެޓިޝަންތަކަށް އަލިއަޅުވާލަމުން ފަނޑިޔާރު އަގީލް އަހުމަދު އައްބާސީ ވަނީ ދިމާވި ކުޑަ ކަމަކާއި ގުޅިގެން ސޯޝަލް މީޑިއާއެއް ބްލޮކްކޮށްގެން ސަރުކާރުން ކުރަނީ ކޮންކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ދުނިޔެތެރޭ ހިނގާ ކަންތައްތައް ބަލައި ލޯހުޅުވޭ ބަޔަކަށް ވާން އެބަޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އެމެރިކާއިންވެސް ބުނަމުންދަނީ ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ހައްޤު ހުރިހާ ފަރާތަކަށް އޮންނަން ޖެހޭ ކަމަށާއި އެ ހައްގުން ރައްޔިތުން މަހުރޫމް ނުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު