އިރާނުގެ އެންމެ އިސް ޑިޕްލޮމެޓް ކަމަށްވާ އެ ގައުމުގެ ހާރިޖީ ވަޒީރު އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަން ތައްޔާރުވެއްޖެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރުއަބްދުލޯހައިން ވަނީ މިހާރު އދ ގެ ހެޑް އޮފީސް ހުންނަ ނިއުޔޯކް ސިޓީއަށް ވަޑައިގެންފައެވެ. އެމަނިކުފާނު އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވާނީ އިސްރާއީލަށް އިރާނުން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި ފުޅާ ހަނގުރާމައެއް ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާތީ އެކަންކަމާ ބެހޭ ގޮތުންނާއި މެދުއިރުމަތީގައި ދާއިމީ ސުލްހަ ޤާއިމުކުރަން ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން ކަމަށް އިރާނުގެ މީޑިއާ އިން ރިޕޯޓްކުރެއެވެ.

އެމަނިކުފާނު ވިދާޅުވީ ޔަހޫދީ އިސްރާއީލުން 6 މަސް ދުވަސް ވަންދެން ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޤަތުލް އާންމުގެ މައްސަލައަށް އަލިއަޅުވާލާނެ ކަމަށާއި، ޣައްޒާއާއި ދެކޮޅަށް ޔަހޫދީ އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ވަރަށް ނާޒުކު ހިސާބަކަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ހަނގުރާމަ ޔަހޫދީން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އިރާނުގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ.

ނިއުޔޯކުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިރާނުން ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމައްޗަށް އައި ހެޔޮ ބަދަލު އެ ސަރަހައްދުން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ. އަދި މިއީ މި ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހަ އާއި އަމާންކަން ގާއިމުކުރުމަށް އިރާނުގެ ވިސްނުން ބަޔާންކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ވަނީ އިރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީފައެވެ. ނަމަވެސް އެމެރިކާ އަދި އިސްރާއީލްގެ އެހެން އެކުވެރި ގައުމުތަކުން ވެސް ވަނީ އިރާނަށް ހަމަލާނުދިނުމަށް އިސްރާއީލަށް ގޮވާލާފައެވެ.