މިއަދަކީ ފަލަސްތީނުގެ ޣައްޒާ އަށް ޔަހޫދީން އާދަޔާ ހިލާފަށް ގިނައިން ހަމަލާދޭ ދުވަހެއް ކަމަށް އަލް ޖަޒީރާ އިން ރިޕޯޓް ކޮށްފިއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން މިއަދު ބޮޑަށް ހަމަލާ ދެމުންދަނީ ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށެވެ. ރަފަހް އަކީ މިހާރު ވެސް ޔަހޫދީންގެ އަނިޔާވެރި ކަމުން ސަލާމަތްވުމަށް ޣައްޒާގެ އެކި ހިސާބުތަކުން މިލިއަނެއްހާ މީހުން ޖަމާވެފައި އޮތް ސަރަހައްދެކެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ރަފަހް އަށް ރެއިން ފެށިގެން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ރަފަހް އިން ވަނީ ކުށެއް ނެތް 10 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ރަފަހް ގެ އެކި ސަރަހައްދުތަކުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ޖާސޫސް ކުރާ ޑުރޯންތައް ވަރަށް ތިރިން އުދުހެމުންދާ ކަމަށް ވެސް ރަފަހް އިން ވާހަކަދެއްކި މީހުން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ މިއަދުގެ ވަގުތެއްގައި ރަފަހް ގައި މީހުން ދިރިއުޅެން ހަދާފައި ހުރި އިމާރާތަކަށް ވަރަށް ވަރުގަދަ އަށް ހަމަލާދީ އެ އިމާރާތް މުޅިން ސުންނާފަތި ކޮށްލާފައެވެ. ނަމަވެސް މި ހަމަލާގައި ފަލަސްތީނުގެ އެއްވެސް މީހެއް ޝަހީދުވިކަން އަދި އެއްވެސް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް ޑިސްޓްރިކްޓަށް ދެމުންދާ ހަމަލާތައް ފާއިތުވި ހަފްތާތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިއީ ޔަހޫދީން ފަލަސްތީނުގެ ޣައްޒާގެ ރަފަހް ގައި ވަރުގަދަ އަސްކަރީ ހަމަލާތަކެއް ފަށާފާނެ ކަމުގެ އިޝާރާތަކަށް ވުން ގާތް ކަމަށް މެދުއިރުމަތީގެ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ. ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިހާރު ވަނީ ޣައްޒާގެ ރަފާހް ބޯޑަރު ކައިރި އަށް ސިފައިންގެ އިތުރު ފައުޖުތައް ޖަމާކުރަން ފަށާފައެވެ.

ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން އަރާނެ ކަމަށް ބުނެފައެވެ. އަދި އެކަމަށް ޙާއްސަ ތާރީހެއް ކަޑައަޅާފައިވާނެ ކަމަށް ބުނި ނަމަވެސް ފަހުން ވަނީ ރަފަހް އަށް އެއްގަމު މަގުން އެރުން ލަސްކުރެވިފައިވާ ކަމަށް ބުނެފައެވެ.