ޖަޕާނުގެ މިލިޓަރީ ދެ ހެލިކޮޕްޓަރު ވެއްޓި އެކަކު މަރުވެ ހަތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓަރު މިނޮރޫ ކިޔާރާ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި މިލިޓަރީ ތަމްރީނުތަކެއްގައި ހަރަކާތްތެރިވަނިކޮށް ދެ ހެލިކޮޕްޓަރު ޕެސިފިކް ކަނޑަށް ވެއްޓިފައިވާ ކަމަށެވެ. މިހާދިސާގައި އެ ހެލިކޮޕްޓަރުުން ދަތުރުކުރި އަށް މީހުންގެ ތެރެއިން 7 މީހުން ގެއްލިގެން ހޯދަމުންދާއިރު އެކަކު ވަނީ މަރުވެފައެވެ. އޭނާގެ ހަށިގަނޑު ހޯދާފައިވަނީ ކަނޑުގެ އަނޑިންނެވެ.

ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސް އިން ބުނީ އެ ހާދިސާ ހިނގާފައިވަނީ ދެ ހެލިކޮޕްޓަރު އެކަތި އަނެކައްޗާ މުޑި އަރައިގެން ކަމަށް ބެލެވޭ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ދެ ހެލިކޮޕްޓަރގެ ރެކޯޑުތައް މިހާރު ވަނީ ހޯދާފައެވެ. މިހާރު ކުރިޔަށް ދަނީ އެ ރެކޯޑުތައް އެނަލައިޒް ކުރުމުގެ މަސައްކަތް ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

"ފްލައިޓް ރެކޯޑަރުތައް ތަހުލީލު ކުރަމުން އެބަދޭ،" ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސް (ޖޭއެމްއެސްޑީއެފް)ގެ ޗީފް އޮފް ސްޓާފް ރިއޯ ސަކައި ނޫސްވެރިންނަށް ވިދާޅުވިއެވެ.

ގެއްލިފައިވާ ފަޅުވެރިން ހޯދުމާއި ސަލާމަތް ކުރުމުގެ މަސައްކަތް ހުކުރު ދުވަހު ފުޅާކޮށްފައިވާއިރު، އެމްއެސްޑީއެފް އާއި އެއާ ސެލްފް ޑިފެންސް ފޯސް ގުޅިގެން 12 ހަނގުރާމަ މަނަވަރާއި ހަތް މަތިންދާބޯޓު ވަނީ ހަރަކާތްތެރިވެފަ އެވެ. ޖަޕާން ކޯސްޓްގާޑްގެ ޕެޓްރޯލް ދޯނިތަކާއި މަތިންދާބޯޓުތައް ވެސް ވަނީ މި އޮޕަރޭޝަންގައި ބައިވެރިވެފައެވެ.

ސިކޯސްކީ އުފެއްދި އަދި ސީހޯކްސްގެ ނަމުން މަޝްހޫރު ޓްވިން އިންޖީނު، މަލްޓި މިޝަން ބޯޓުތަކަކީ މިޓްސުބިޝީ ހެވީ އިންޑަސްޓްރީސް އިން ޖަޕާނުގައި ބަދަލުކޮށް އުފައްދާފައިވާ ހެލިކޮޕްޓަރުތަކެކެވެ. އެމީހުން ތިބީ ރޭގަނޑު ކަނޑުގެ ސަރަހައްދުގައި އެންޓި ސަބްމެރިން ޓްރެއިނިންގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަކުގެ ކޮންޓެކްޓް ގެއްލުނީ ރޭ 10:38 ހާއިރު އެވެ. އޭގެ މިނެޓެއް ފަހުން އޮޓޮމެޓިކް އިމަޖެންސީ ސިގްނަލް ފޮނުވިއެވެ. އެމީހުންގެ ގުޅުން ކެނޑިފައި ވަނީ ޓޮރިޝިމާ ޖަޒީރާގެ އިރުމަތިން ގާތްގަނޑަކަށް 270 ކިލޯމީޓަރު (150 ނޯޓިކަލް މޭލު) ދުރުންނެވެ.