މޮރިޝަސްއިން ޖަރުމަނުގެ ފްރެންކްފާޓަށް ދަތުރުކުރި ފްލައިޓުން ދަތުރު ކުރި 70 އެއްހާ ފަސިންޖަރުން ކުއްލި ގޮތަކަށް ބަލިވެއްޖެއެވެ.

މެއިލް އޮންލައިންއިން ބުނީ ކޮންޑޯ އެއާލައިންގެ ފްލައިޓް ޑީއީ2315 ބުރާސްފަތި ދުވަހު މޮރިޝަސްއިން ފްރެންކްފާޓަށް ދަތުރުކުރަމުން ދަނިކޮށް އެ ބޯޓުގައި ތިބި ގިނަ ފަސިންޖަރުންނަށް ސިއްހީ މައްސަލައެއް ކުރިމަތިވިކަން އެނގުނު ކަމަށެވެ.

ފަޅުވެރިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އޮފިޝަލުންނަށް ދުރާލާ އެކަން އަންގާފައެވެ.

ޖަރުމަނު ވިލާތުގެ ސިޓީއަށް ހަވީރު 5:33 އެހާކަންހާއިރު މަތިންދާބޯޓު ޖެއްސިއިރު، އެމަޖެންސީ ސާވިސަސްއިން އެ ބޯޓުގައި ތިބި މީހުންނަށް ފަރުވާ ދޭން ފެށިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބޯޓުގައި ތިބި 290 ފަސިންޖަރުންގެ ތެރެއިން 70 މީހުންގެ ކިބައިން ކުއްލިއަކަށް ބަލީގެ އަލާމާތްތައް ފެނުނެވެ. އެ މީހުންގެ ފަރާތުން ފެނިގެން ދިޔަ ސިއްހީ މައްސަލަތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ހޮޑުލުން ފަދަ އަލާމާތްތައް ފެނިފައިވާ ކަމަށެވެ.

ޖަރުމަނު އެއާލައިންގެ ތަރުޖަމާނަކު ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީ، ފަޅުވެރިންނަށް ބަލީގެ އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ކޮންޑޯ އިން މިހާރު ވެސް ވަނީ މައްސަލައިގެ ތަހުގީގެއް ފަށައިފައެވެ.

"މި މައްސަލައިގެ އެންމެ އަޑިއަށް ފީނާ، ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި،". ތަރުޖަމާނު ވިދާޅުވިއެވެ.