ފަލަސްތީނުގެ ޣައްޒާ އާއި މިސްރާއި ދެމެދު އޮންނަ ބޯޑަރ ކުރޮސިން "ރަފާހް ބޯޑަރު ކުރޮސިން" ހަމާސް ޖަމާއަތުން ބޭނުން ކުރަމުން ދިޔައީ ނިރުބަވެރި ހަރަކާތްތަކަށް ބޭނުންވާ ސާމާނާއި ތަކެތި އެތެރެކުރަން ކަމަށް ބުނެ ޔަހޫދީންގެ އަނިޔާވެރި ދައުލަތް އިސްރާއީލުން ދޮގުހަދައިފިއެވެ.

ޔަހޫދީންގެ މަކަރުވެރި ޤައިރު ޤާނޫނީ ދައުލަތުން ބުނެފައިވަނީ ރަފާހްގެ ބޯޑަރު ކުރޮސިން އެ ގައުމުގެ ބެލުމުގެ ދަށަށް ގެންނަށް ޖެހުނު ސަބަބަކީ އިންކާރު ނުކުރެވޭ ވަރަށް ހެއްކާއި އެކީ ޔަހޫދީ އިސްރާއީލްގެ ޖާސޫސީ އިދާރާތަކުން ހަމާސްއިން މި ކުރޮސިން ހަތިޔާރު ވަންދަށް ބޭނުން ކުރާ ކަމަށް ސާބިތުކޮށްދިނުމުން ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފައިވަނީ ޣައްޒާގެ ރަފާހް ބޯޑަރު ކުރޮސިން ގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ 20 ހަނގުރާމަވެރިން ޝަހީދުކޮށްލާފައިވާނެ ކަމަށާއި އަދި ހަމާސް ޖަމާއަތުގެ އެތައް އަސްކަރީ މަރުކަޒުތަކެއް ވެސް މީގެ ކުރިން ވެސް ހަލާކުކޮށްލާފައި ވީ ނަމަވެސް އަދި ވެސް އެ ކުރޮސިންގައި ހަމާސްގެ ސިއްރު ހަރަކާތްތަކެއް ހިންގާ ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފައިވަނީ ރަފާހް ބޯޑަރު ކުރޮސިން އެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެވުމަށްފަހު އެތަން ބަލައިފާސްކުރި އިރު ހަމާސް ޖަމާއަތުގެ މުޖާހިދުން ބޭނުން ކުރާ 3 ބިންގަރާސް ވެސް ފެނިފައިވާ ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މީސް މީޑިއާގެ ޕުލެޓްފޯމެއް ކަމަށްވާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ 401 ވަނަ ޑިވިޜަން ކޮމްބެޓް ޓީމާއި މިހާރު ވެސް ޣައްޒާގައި ހަނގުރާމަ ކުރަމުންދާ ގިވާތީ ބުރިގޭޑުން ރަފާހް ބޯޑަރ ކުރޮސިން ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ މަޤްޞަދަކީ ކޮންމެ ވެސް ދޮގެއް ހަދައިގެން ނަމަވެސް ޣައްޒާގެ ރަފާހް އަށް ވަންނަ އެހީތައް ހުއްޓުވައި ރަފާހްގެ ރައްޔިތުން އެތަން ދޫކޮށް ޣައްޒާގެ އެހެން ސަރަހައްދަކަށް ހިޖުރަކުރަން މަޖުބޫރުކުރުމެވެ.