ނިރުބަވެރި އިސްރާއީލުން ރޭ އެކަނި ވެސް ޣައްޒާގެ ރަފާހުން 23 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކާއި އެކީ އިއްޔެއިން ފެށިގެން ނިރުބަވެރިން ވަނީ ޣައްޒާގެ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ރަފާހަށް އަރައިގަތުމަށް ނިންމާފައެވެ. އެގޮތުގެ މަތިން އެސަރަހައްދުގައި ތިބި މީހުން އެތަން ދޫކޮށް ދިއުމަށް ވަނީ އަންގާފައެވެ.

މި އެންގުމާއި އެކީ ގިނަ ބަޔަކު އެމީހުންގެ ރައްކާތެރިކަމަށް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާއިރު، ރޭގެ ވަގުތެއްގައި ނިރުބަވެރި އިސްރާއީލުން ވަނީ ރަފާހުގެ އިރުމަތީ ސަރަހައްދަށް ހަމަލާދިފައެވެ.

ރޮއެޓާސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިރުބަވެރިންގެ މި ހަމަލާގައި ރޭ އެކަނި 23 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ހަ އަންހެނުންނާއި ފަސް ކުޑަކުދިން ހިމެނެއެވެ.

މީގެ އިތުރުން ވެސް ރަފާހުގައި ދިރިއުޅެމުން އައި، މުހައްމަދު އަބޫ އަމްރާ ނަމަކަށް ކިޔާ ފިރިހެނެއްގެ އާއިލީ ފަސް މީހަކު ވެސް އެމީހުން ދިރިއުޅެމުން ދިޔަ ގެއަށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.