ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމަށް އެމެރިކާއިން އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދެމުންދާތީ އެމެރިކާގެ ސެނެޓު މެންބަރުން ކަންބޮޑުވުން ފާޅުކޮށް "ލީހީ ލޯ" އަށް އަމަލުކުރުމަށް އެގައުމުގެ ސަރުކާރަށް ގޮވާލައިފިއެވެ.

އެމެރިކާގެ ސެނެޓަރު ޕީޓާ ވެލްޗް (ޑީ-ވަރމޮންޓް) އިސްކޮށް ހުންނަވައިގެން އޭނާގެ އަށް އެކުވެރިން ކަމަށްވާ ސެނެޓްގެ މެޖޯރިޓީ ވިޕް ޑިކް ޑަރބިން (ޑީ-އިލް.)، ކްރިސް ވެން ހޮލެން (ޑީ-އެމްޑީ)، ޖެފް މާކްލީ (ޑީ-އޯރެ.)، ބްރައިއަން ޝަޓްޒް ( ޑީ-ހަވާއީ)، ބާނީ ސެންޑާސް (އައި-ވަރމޮންޓް)، މާޓިން ހައިންރިޗް (ޑީ-އެން.އެމް)، މޭޒީ ހިރޯނޯ (ޑީ-ހަވާއީ)، އަދި ޓީނާ ސްމިތު (ޑީ-މިން.) ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން އާއި ޔޫ.އެސް ސެކްރެޓަރީ އޮފް ޑިފެންސް ލޮއިޑް އޮސްޓިން އެމެރިކާގެ ސަލާމަތީ އެހީތެރިކަން ލިބޭ ހުރިހާ ފަރާތްތަކަށް "ލީހީ ލޯ" އެއްގޮތަކަށް އަމަލުކުރުމަށް ގޮވާލާފައެވެ.

އަދި މި ކަންބޮޑުވުންތައް ހައްލުކުރުމަށް ޑިޕާޓްމަންޓް އޮފް ސްޓޭޓް އެންޑް ޑިފެންސް އިން އަޅަމުންދާ ފިޔަވަޅުތައް ވަކިން ބަޔާންކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

"ލީހީ ލޯ"އަކީ އިންސާނީ ހައްޤުތަކާއި ޚިލާފަށް އެހެން ގައުމުތަކުން ހިންގާ އަމަލުތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްނުދިނުމާއި ގުޅޭ ޤާނޫނެވެ. މި ޤާނޫނަށް އެމެރިކާއިން އަމަލުނުކުރާ ކަމަށް ބުނެ ސެނެޓު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިސްރާއީލުން އިންސާނީ ހައްޤުތަކާއި ޚިލާފަށް ޣައްޒާގައި ހިންގަމުންދާ އަމަލުތައްވެސް ކުށްވެރިކުރެއްވިއެވެ.

އޭޕްރީލް 30 ވަނަ ދުވަހު ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން އާއި ސެކްރެޓަރީ އޮފް ޑިފެންސް ލޮއިޑް އޮސްޓިން އަށް ފޮނުއްވި ސިޓީއެއްގައި ސެނެޓަރުން ވިދާޅުވީ ލީހީ ގާނޫނުގައި ހުރިހާ ގައުމުތަކެއް އެއް މިންގަނޑެއްގައި ހިފަހައްޓާފައިވީ ނަމަވެސް ފެންނަ ފެނުމުގައި އިސްރާއީލަށް ތަފާތު ކަމަށާއި އެމެރިކާގެ އަސްކަރީ އެހީ އެންމެ ގިނައިން ލިބޭ ފަރާތެއްގެ ގޮތުގައި އެގައުމު ފެނިގެންދާ ކަމަށެވެ.

ލީހީ ގާނޫނު ތަންފީޒު ކުރެވޭނީ އެމެރިކާގެ ތަމްރީނާއި، ސާމާނު ނުވަތަ އެނޫންވެސް އެހީތެރިކަމެއް ލިބޭ ހުރިހާ ސަލާމަތީ ބާރުތަކަށެވެ. އޭގެ މަގުސަދަކީ އިންސާނީ ހައްގުތަކާ ހިލާފުވާ އެންމެ ބޮޑެތި ކަންކަމުގައި އެމެރިކާ ބައިވެރިވުމުން ރައްކާތެރިކުރުމާއި، ބޭރުގެ ސަރުކާރުތަކުން ކުށްވެރިން ޖަވާބުދާރީ ކުރުމަށާއި އެކަން ކުރުމުން ކުރިއަށް އޮތް ތަނުގައި ގަވާއިދާ ހިލާފުވުން ހުއްޓުވުން ކަމަށް ސެނެޓުން ވަނީ ބުނެފައެވެ.