ނިރުބަވެރި އިސްރާއީލުން ދިން ހަމަލާއެއްގައި ހަމާސް ޖަމާއަތުގެ ހައްޔަރުގައި ހުރި މީހަކު މަރުވެއްޖެއެވެ.

ހަމާސްގެ ހަތިޔާރު އެޅި ގޮތްޕެއް ކަމަށްވާ ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު، އަބޫ އުބައިދާ ބުނެފައިވަނީ ނިރުބަވެރި އިސްރާއީލުން މިދިޔަ މަހުގެ ތެރޭގައި ދިން ހަމަލާގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ޖޫޑީ ފެއިންސްޓެއިން ނަމަކަށް ކިޔާ އަންހެނަކު ކަމަށެވެ.

ނިރުބަވެރިން ހަމަލާދީފައިވަނީ އެމީހުން ރަހީނުކޮށްފައި ހުރި ސަރަހައްދަށް ކަމަށާއި އެ ހަމަލާގައި އޭނާގެ އިތުރުން އެހެން މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް އުބައިދާ ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ހަމާސް އާއި ދެކޮޅަށް ފަލަސްތީނުގައި ވަރުގަދަ ހަމަލާތަކެއް ކުރަމުން އަންނައިރު، ހަމާސްގެ ހައްޔަރުގައި މިހާރު ވެސް އިސްރާއީލުގެ 130 އެއްހާ މީހުން ތިބި ކަމަށް ބެލެވެއެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ އޮކްޓޯބަރު 7 ގައި ފެށުނު ހަނގުރާމައިގެ ތެރެއިން އިސްރާއީލުގެ ދެކުނުންނެވެ.

ޔަހޫދީންގެ ހަމަލާއެއްގައި ޔަހޫދީ މީހަކު މަރުވެފައިވާ ހަމާސްއިން ހާމަކޮށްފައިވާއިރު، މީގެ ކުރިން ވެސް އެމީހުން ދިން ހަމަލާތަކެއްގައި އެމީހުންގެ އަމިއްލަ މީހުން މަރުވެފައިވާކަން ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިސްރާއީލުން ހިންގަމުން އަންނަ މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 70،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.