ރަފާހު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިސްރާއީލުން ގޮވާލައިފިއެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރި ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދިޔަ 1.4 މިލިއަން މީހުން ހިޔާވަހިކަން ހޯދާފައިވާ ޣައްޒާގެ ދެކުނުގެ ސިޓީއަށް އެއްގަމު މަގުން ހަމަލާދޭނެ ކަމުގެ ބިރު ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައި ފަލަސްތީނުގެ ލައްކައެއްހާ މީހުން ރަފާ ދޫކޮށް ދިއުމަށް ޔަހޫދީން ވަނީ އަމުރުކޮށްފައެވެ. އަދި ހަމައެއާއެކު ރަފާހު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ރަފާހު ދޫކޮށްދިޔުމަށް ވެސް ވަނީ އަންގާފައެވެ.

މިސްރާއި ދެކުނު ޣައްޒާއާ ދެމެދު އޮންނަ ރަފާ ބޯޑަރު ހުރަސްކޮށް، އިސްރާއީލުގެ ސިފައިންނަށް ކޮންމެހެން ބޭނުންވާ އެހީގެ މަގެއް އދ އާއި އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ވަނީ ބަންދުކޮށްފައެވެ. އަދި ޣައްޒާގައި ހާލުގައިޖެހިފައި ތިބި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާއީލުން ބަންދުކޮށްގެން އުޅޭ ދެ މަގެއް ހުޅުވުމަށް ވެސް އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ނޫސްވެރިންނަށް ވިދާޅުވީ އިރުމަތީ ރަފާހުގެ ގާތްގަނޑަކަށް 100،000 މީހުން އެ ސަރަހައްދު ދޫކޮށް ދާން އަންގާފައިވާނެ ކަމަށެވެ. މި އަމުރު ނެރެފައިވަނީ އިއްޔެއެވެ. ގަތަރާއި މިސްރުގެ ހުށަހެޅުމަށް ހަނގުރާމަ ހުއްޓާލަން ހަމާސްއިން ހުށަހެޅި ހުށަހެޅުމަކީ އިސްރާއީލުގެ ހުށަހެޅުންތަކާ އަޅާބަލާއިރު ކުޑަ ޑިމާންޑަކަށްވާތީ ޔަހޫދީން ނިންމީ ރަފާގައި ހިންގަމުންދާ އޮޕަރޭޝަން ކުރިއަށް ގެންދާށެވެ.

ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިސްރާއީލު ސިފައިން ވަނީ އެ ސިޓީއަށް ބޮން ގޮއްވާލުން އިތުރުކޮށްފައެވެ. ރަފާހުގެ އިރުމަތީ ސަރަހައްދުގައި ވައިގެ ހަމަލާތަކާއި އާޓިލަރީ ބޮން ގޮއްވުންތައް ވަނީ އިތުރުވެފައިވާ ކަމަށް އަލްޖަޒީރާގެ ތާރިގު އަބޫ އައްޒޫމް ރަފާއިން ރިޕޯޓްކޮށްފައިވެއެވެ. އަދި އިސްރާއީލުގެ ސިފައިން އެ ސަރަހައްދަށް އިތުރުވަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.