އެމެރިކާގެ ޗިކާގޯގެ ހޮސްޕިޓަލެއްގައި، މީހަކު ބަޑީގެ ހަމަލާތަކެއްދީ ހަތަރު މީހުން މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗިކާގޯގެ މާސީ ހޮސްޕިޓަލުގައި ރޭ ދިން ބަޑީގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޑޮކްޓަރަކާއި ޕެރަމެޑިކަލް ދެއެސިސްޓަންޓަކާއި ޗިކާގޯގެ ފުލުހެކެވެ.

ޗިކާގޯގެ ފުލުހުން ހާމަކުރި ގޮތުގައި، ހޮސްޕިޓަލުގައި ބަޑީގެ ހަމަލާ ދިން މީހާ ވަނީ މަރާލާފައެވެ. ހޮސްޕިޓަލުގައި ބަޑީގެ ހަމަލާ ދިން މީހާ އާއި ޗިކާގޯގެ ފުލުހުންނާއި ދެމެދު ވަނީ ހަމަލާތަކެއް ބަދަލު ކުރެވިފައެވެ.

ތަހުގީގުން އެނގިފައިވާ ގޮތުގައި މީހާ ބަޑީގެ ހަމަލާ ދޭން އުޅުނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކަށް ކަމަށް ޗިކާގޯގެ ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ މިދިޔަ ހަފްތާގައި އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ބާއެއްގެ ތެރޭގައި ހިންގި ބަޑި ޖެހުމުގެ ހާދިސާއެއްގައި 13 މީހުން މަރުވެފައިވަނިކޮށެވެ.

އެމެރިކާގެ ސްކޫލްތަކާއި އާންމުން އެއްވާ ތަންތަނުގައި ބަޑި ޖަހާ ކުށެއް ނެތް މީހުން މެރުމަކީ އާންމު ކަމެކެވެ. މިއަހަރު އެކަނިވެސް ބަޑީގެ އެކި ހަމަލާތަކުގައި އެމެރިކާއިން ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމާއި ވަރަށް ދެކޮޅު މީހެކެވެ. އެމެރިކާއަށް ބަލާލިޔަސް ބަޑި ގެންގުޅޭ މީހުންގެ އިންސައްތަ ވަރަށް ގިނައެވެ. އަދި އަހަރެއްގެ މައްޗަށް 100 އެއްހާ މީހުން ބަޑިން ލިބުނު ޒަޚަމެއްގެ ސަބަބުން މިދުނިޔެއާއި ވަކިވެގެން ދެއެވެ. އަދި ދުނިޔޭގެ ނިސްބަތުން ކޮންމެ އަހަރަކު 5 ލައްކަ މީހުން ބަޑީގެ ހަމަލާތަކުގެ ސަބަބުން މަރުވެގެން ދެއެވެ.